ގއ. ކަނޑުހުޅުދޫއަށް އުފަން ފަރީދު މުހައްމަދު (ފަރިއްޓެ) އަކީ ރާއްޖޭގެ މަޝްހޫރު ގިނަ ކްލަބުތަކަށާއި ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި ރާއްޖޭގައި މިވަގުތު ހުރި އެންމެ އުއްމީދީ އެއްޒުވާން ކޯޗެވެ. ފަރިއްޓެ ވަނީ އެންމެފަހުގެ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ 3 ވަނަ ހޯދި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗްކަމާއި އެކި އުމުރުފުރާތަކުގެ ގައުމީ ޓީމުގެ ހެޑްކޯޗްކަން ކޮށްފައެވެ. މީގެ އިތުރުން އެންމެފަހުގެ ޔޫތު ޗެމްޕިއަންޝިޕުގައި ވިކްޓަރީގެ ޒުވާން ޓީމަށްވެސް އިރުޝާދު ދީފައި ވަނީ ފަރިއްޓެއެވެ.
ފުޓްބޯޅައިގައި ކުރިއެރުން ހޯދަން ބޭނުންވާ ފުޓްބޯޅަ ކުޅުންތެރިންނަށާއި ޒުވާން ކޯޗުންނަށް ފަރިއްޓެގެ ކެރިޔަރއިން ގިނަ ފިލާވަޅުތަކެއް ނެގިދާނެކަމަށް "ހަލި ނިއުސް" ޓީމުން ގަބޫލް ކުރަމެވެ.
ސ. 1. ކިހިނެތްތޯ ފުޓްބޯޅައިގެތެރެއަށް ވަދެވުނީ؟
ޖ. ފުޓްބޯޅައިގެ ތެރެއަށް އަސްލު ބޮޑަށް ވަދެވުނު ގޮތަކީ 1993 ވަނަ އަހަރު މާލެއަށް ކިޔަވަން ބަދަލުވި ހިސާބުން. ކިޔަވަން އަޅުގަނޑު މާލެއަށް ބަދަލުވެ ހުންނަން ޖެހުނީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ އާއިލާއެއް ތެރޭގައި. އެއީ މަޝްހޫރު ބޮޑު ހީނާ އާއި ކުޑަ ހިނާމެންގެ. ދެން އޭގެ ކުރިން ރަށުގައި އުޅުނުއިރުވެސް ސްކޫލް ލެވެލްގައި ފުޓްބޯޅަ ކުޅެ އުޅުނިން. އޭރުވެސް ވަރަށް ބޮޑަށް ޝައުގުވެރިވޭ ފުޓްބޯޅައަށް. ޓީވީން މެޗުތައް ނެފެންނައިރު ރޭޑިއޯއިން އޭރުވެސް ވިކްޓަރީ ކުޅޭ މެޗުތަކުގެ ކޮމެންޓްރީ ވަރަށް ގިނައިން އަޑުހަން. އެންމެ ފުރަތަމަ ކުޅެން ފެށީ 16 އަހަރުން ދަށުގެ ގައުމީ ޓީމަށް. އެއީ ފައްސަތޭކައެއްހައި ކުދިންގެ ތެރެއިން ހޮވާލެވިގެން ލިބުނު ފުރުސަތެއް. ދެން އޭރުވެސް ވިސްނުން ހުރީ ވަރަށް މަސައްކަތް ކޮށްގެންނޭ ކުރިއަށް ދެވޭނީ. ދެން އޭގެފަހުން 19 އަހަރުން ދަށުގެ ގައުމީ ޓީމާއި ސީނިއަރ ޓީމަށްވެސް ކުޅެން ފުރުސަތު ލިބުމުން ވަރަށް އުފާވޭ.
ސ. 2. އައިލެންޑް ފުޓްބޯޅަ ކްލަބު (އައިއެފްސީ) އިން ފަރިއްޓެ ގެންދަން ބޮޑު އަގެއް ހުށަހެޅިކަމަށް މައުލޫމާތު ލިބިފައިވޭ. އެކަމަކު އެހުށަހެޅުމަށް ފުރުގަސްދިނުމަށްފަހު އެސީނުގައި ހިލޭ އިގަލްސްއަށް ކުޅެދިންކަމަށް މައުލޫމާތު ލިބިފައި ވަނީ . މިއީ ހަގީގަތެއްތޯ؟ އަދި މިކަން ހިނގައިދިޔައީ ކިހިނެއްތޯ؟
ޖ. ރަނގަޅު، ތިއީ ހަމަތެދު ވާހަކައެއް. ސްކޫލް ނިމުނީ ދެހާސް ވަނަ އަހަރު. ހަމައެހަރު އައިއެފްސީން (އައްޑޫ ވިޔަފާރިވެރިންތަކެއް ގުޅިގެން ނިއުލެގޫންސް ގަނެ އޭރު އުފެއްދި މުއްސަނދި ކްލަބެއް). އޭރު ވާނީ އަޅުގަނޑަށް 18 ވަރަކަށް އަހަރު. އައިއެފްސީން ފައިސާގެ ހުށަހެޅިނަމަވެސް އަޅުގަނޑު ހިތް ބޭނުން ނުވީ ފުރަތަމަ ލާރިއަށް ކުޅެން. ބޭނުންވީ ފުރަތަމަ ހައި ލެވެލްގަ ޕާފޯމް ކުރަން. ފުޓްބޯޅައިގައި އަމިއްލަ ނަމެއް ބިލްޑް ކުރަން. އެއަށްފަހު މުސާރައަށް ކުޅެން. އެއީ ރަގަޅަށް ޕާމޯން ކުރަންޏާ މުސާރައަށް ގެންދާނެ ޓީމުތައް ވާނެކަން އެނގޭ. ދެން އީގަލްސް އިހްތިޔާރު ކުރެވުނީ އޭރު އަޅުގަނޑު އުޅެމުންދިޔައީ މާފަންނުގައި ކަމަށްވެފައި އީގަލްސް މީހުންނާވެސް އޮތީ ގާތްކަމެއް އުފެދިފައި. އީގަލްސްވެސް އޮތީ ފުރަތަމަ ޑިވިޝަނުގައި އޭރުވެސް. އެގޮތުން ހަމަ ހިލޭ އެސީޒަން އީގަލްސްއަށް ކުޅެދިނީ. ދެން ޖެހިގެން އައި އަހަރު އަޅުގަނޑު ބަދުވީ އައިއެފްސީއަށް ދެއަހަރުގެ އެއްބަސްވުމެއްގެ ދަށުން.
ސ. 3. އައިއެފްސީގައި އެންމެ އުފާވެރި ހަނދާނަކީ ކޮބައިތޯ؟
ޖ. އެއީ އަޅުގަނޑު ކާމިޔާބު ކުރި ލަނޑަކުން ނިއުރޭޑިއަންޓް އަތުން މޮޅުވެ އައިއެފްސީއަށް އެފްއޭކަޕް ތަށި ލިބުނު ދުވަސް. އެއީ އައިއެފްސީގެ ފުރަތަމަ ތަށި.
ސ. 4. ފުޓްބޯޅައިގެ ކެރިޔަރއަށް އެންމެ ބޮޑު ބަދަލެއް ގެނުވީ ކޮންޓީމަކުން؟
ޖ. ވިކްޓަރީން. އައިއެފްސީއަށް ހަތަރު އަހަރު ކުޅުމަށްފަހު އަޅުގަނޑު ބަދަލުވީ ވިކްޓަރީއަށް. އެއީ ކޯޗް އަހުމަދު މައުރޫފް (މާއްޓޭ) ވިކްޓަރީއަށް ކޯޗުކޮށްދެމުންދިޔަ އެންމެފަހު ދުވަސްތައް. އެފަހަރު ވިކްޓަރީއަށް އަޅުގަނޑު ބަދަލުވީވެސް ނިއުރޭޑިއަންޓުން އަޅުގަނޑު ގެންދަން ވަރަށް ބޮޑަށް މަސައްކަތްކޮށް ކުރަމުން ދަނިކޮށް. އެކަމާހުރެ ވިކްޓަރީ އާއި ނިއުއާ މައްސަލަތަކެއްވެސް ޖެހުނު. އެކަމަކު ހުރިހާ ގޮތަކުން ވިކްޓަރީގެ އޮފަރ ރަގަޅުވެފައި ސަޕޯޓް ކުރާ ޓީމަކީ ވިކްޓަރީކަމަށްވެފައި މާއްޓޭ ވިކްޓަރީގައި ހުރުމުންނާއި މާއްޓޭ ކޮންވިސް ކޮށްދިންވަރުން ވިކްޓަރީއަށް ބަދަލުވީ. އެއަށްފަހު ވިކްޓަރީގައި އަޅުގަނޑު ހޭދަކުރި ހަތަރު އަހަރަކީ ކެރިޔަރުގެ އެންމެ ކާމިޔާބު އެންމެ އުފާވެރި ދުވަސްތައް. ފުޓްބޯޅައިގެ އެންމެ މަތީ ހަރުފަތަކަށް ދެވުނު ދުވަސްތަކަކީ އެއީ.
ސ.5. ފުޓްބޯޅައިގައި އެންމެ އުފާވި ދުވަހަކީ ކޮބައިތޯ؟
ސީނިއަރ ގައުމީ ޓީމަށް ކުޅެވުނު ދުވަސް. އޭގެ އިތުރުން ވޯލްޑް ކަޕް ކޮލިފައިންގައި 2004 ވަނަ އަހަރު ވަރުގަދަ ސައުތު ކޮރެޔާއާ ލަނޑެއް ނުޖެހި އެއްވަރު ކުރެވުނު ދުވަސް. އެއީ ދެން ވަރަށް ވަރަށް އުފާވި ދުވަހެއް. އެއީ ސައުތު ކޮރެއާއަކީ 2002 ގެ ވޯލްޑް ކަޕް ސެމީފައިނަލުގައި ކުޅެފައި އޮތް ޓީމެއް. އެވަރު ޓީމަކާ އެއްވަރު ކުރެވުމަކީ އާދައިގެ ކަމެއް ނޫން. އަޅުގަނޑުވެސް އެމެޗުގައި ހައެއްކަ މިނެޓް ކުޅިނިން. އެއީ ވަރަށް ބޮޑު އުފަލެއް. ދެން އޭގެ އިތުރުން ފުރަތަމަ ފަހަރަށް ރަން މެޑަލް ގައުމީ ޓީމު ހޯދި ދުވަހަކީވެސް ވަރަށް އުފާވެރި ދުވަހެއް. ރަންމެޑަލް ހޯދި ޓީމުގެ ސްކޮޑުން އަޅުގަނޑު ބާކީ ކުރީ ފަހުވަގުތު ދިމާވި އިންޖަރީއަކާ ގުޅިގެން.
ސ. 6. ރާއްޖޭގެ ކުޅުންތެރިންތަކުގެ ތެރެއިން މިހާތަނަށް ފެނުނު އެންމެ މޮޅު 3 ކުޅުންތެރިންނަކީ ކޮބައިތޯ؟
ޖ. އަލީ އަޝްފާޤް (ދަގަނޑޭ) ވަރުގެ ކުޅުންތެރިއެއް ނެތް. އޭނާއަކީ ހަމައެންމެ އެންމެ މޮޅު ކުޅުންތެރިޔާ. ދެން އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އިސްމާއިލް މުހައްމަދު (އިއްސެ) އެންމެ ފާހަގަ ކޮށްލެވެނީ.
ސ .7 . ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައިވެސް ފުޓްބޯޅަ ކުރިއަރުވަން އެންމެ ބޮޑަށް މަސައްކަތް ކުރާ ބަޔަކީ ގްރާސްރޫޓް ކޯޗުން. ގްރާސްރޫޓް ކޯޗުން ތަމްރީން ކުރުމަށާއި ރިފްރެޝަރ ކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ދުނިޔޭގެ ފުޓްބޯޅައިގައި ކުރިއަރާފައިވާ ގައުމުތަކާއި ކުރިއަރަމުން އަންނަ ގައުމުތަކުގައި ހިންގަމުންދޭ. އަދި ގްރާސްރޫޓް ކޯޗުންނަށް ރަގަޅު އުޖާރައެއްވެސް އެގައުމުތަކުގައި އެބަލިބޭ. ފަރިއްޓެގެ ނަޒަރުގައި ކޮބައިތޯ ރާއްޖޭގެ ގްރާސްރޫޓް ކޯޗުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ؟
ޖ. އެންމެ ބޮޑު ގޮންޖެހުމަކީ ރަގަނޅު އުޖޫރައެއް ނުލިބުން. މިސާލަކަށް ބޭރު ތަންތަނުގައި ބީ ނުވަތަ ސީ ލައިސަންސް ކޯޗުންނަށް ވަރަށް ރަގަޅު އުޖޫރައެއް އެބަލިބޭ. ރާއްޖޭގައިވެސް އެބަޖެހޭ އެކަށީގެންވާ ރަގަޅު އުޖޫރައެއް ގްރާސްރޫޓް ކޯޗުންނަށް ލިބެން. ބައައެއް ބޭފުޅުންނަށް ހީވަނީ ކުދިންތައް ދޫކޮށްލައިގެން ގްރާސްރޫޓް ކޯޗުން ތިބެނީއޭ. ހަގީގަތުގައި މިއީ ވަރަށް ބުރަ އަދި ބޮޑު މަސައްކަތެއް. ކުދިންނާއެކު ގްރާސްރޫޓް ކޯޗަކު ހޭދަކުރާ އެއްގަޑިއިރު ތެރޭގައި އޭނާ އެބަވާންޖެހޭ ޓީޗަރަކަށް، ޑޮކްޓަރަކަށް، ދެން ކުދިން މާހައުލަން ހާނުވައި ހުރިހާ ކަމެއް ކުރަން މިހުންނަނީ ހަމަގްރާސްރޫޓް ކޯޗް.
މީގެ އިތުރުން ރިފްރެޝަރ ޕްރޮގްރާމްތަކާއި ޓްރެއިނިންގ ޕްރޮގްރާމްތައް ކޯޗުންނަށް ފޯރުކޮށްދޭން އެބަޖެހޭ. ދެން ދިމާވާ މައްސަލައަކީ ރާއްޖޭގައި ފެސިލިޓީސްތައް ނެތުން. ކުދިން ތަމްރީން ކުރަން ފުރިހަމަ ވަސީލަތްތަކާއެކު ދަނޑު ބޭނުން ކުރަން އެކަށީގެންވާ ވަގުތު ނުލިބުން.
ސ. 8. ކޯޗިންގ ކެރިޔަރގައި މިހާތަނަށް އެންމެ އުފާވި ދުވަހަކީ ކޮބައިތޯ؟
ޖ. އެއީ މިދިޔަ އަހަރު ބޭއްވި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ބޫޓާން ބަލިކޮށް ތިންވަނަ ލިބުނު ދުވަސް. އަޅުގަނޑު މަސައްކަތް ކުރީ އެސިސްޓެންޓް ކޯޗުގެ ގޮތުގައި. އެއީ ވަރަށް އުފާވި ދުވަހެއް ކޯޗެއް ކެރިޔަރުގައި.
ސ. 9. ޒުވާން ކުޅުންތެރިންނަށް ދޭންބޭނުންވާ މެސެޖަކީ ކޮބައިތޯ؟
އަޅުގަނޑު ބުނެލަން ބޭނުންވާ ވާހަކައަކީ ފުރަތަމަ ފައިސާއަށް ޑިމާންޑް ނުކުރާށޭ. އޭގެ ބަދަލުގައި ހައި ލެވެލްގައި ޕާފޯމް ކުރަން ކުރަން މަސައްކަތް ކުރާށޭ. އޮފާތަކާއި އެއްޗެހިވެސް އަންނާނެޔޭ އޭރުން. ފުރަތަމަ ފަށައިގަންނައިރު ފައިސާ ނުލިބުނަސް ކުޅުން ހުއްޓާނުލާށޭ. އަޅުގަނޑުމެން ހުންނާނެ ބޫޓުގައި ފޮތި އަޅައިގެންވެސް ކުޅެފައި. މޮޅު ކުޅުންތެރިޔަކަށް ވުމަށްޓަކައި ވަރަށް ގިނަ ކަންތައްތައް ޤުރުބާން ކުރަންޖެހެޔޭ. ކުޅިވަރުގެ އަހްލާގު ހިފަހައްޓާށޭ. ޒުވާން ކުޅުންތެރިނަށޭ އަބަދުވެސް މުސްތަގުބަލު އެންމެ ފަހިކޮށް އޮންނާނީ.
ސ. 10. ކެރިޔަރުގައި މިހާތަށް އައިރު ޝުކުރު އަދާކޮށްލަން ބޭނުންވާ ފަރާތްތަކީ ކޮބައިތޯ؟
ޖ. އާއިލާ އާއި ގާތް ރަހްމަތްތެރިންނާއި ކޯޗުން. ވަކިން ހާއްސަކޮށް މާއްޓޭ ކޯޗުގެ ނަން ފާހަގަކޮށްލަން. މީގެ އިތުރުން ހީނާ ކޯޗް (ބޮޑު ހީނާ) އާއި ސާންތި ކޯޗް، މޯހަން ކޯޗް އަދި ސުޒޭން ކޯޗާއި ފުރަތަމަ އީގްލްސްގައި އިރުޝާދު ދިން ނިޔާ ކޯޗުގެ ނަން ވަކިން ފާހަގަ ކޮށްލަން. މިހުރިހާ ފަރާތްތަކުގެ އެހީތެރިކަމާއެކު މިހިސާބަށް މިއާދުވުނީ.