ޔުއެފާ ޗެމްޕިއަންސް ލީގް ދެވަނަ ބުރުން އާސެނަލް ރޭ ޖާގަ ހޯދިއިރު، މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑް ގްރޫޕް ފުލުން އަރައި ނުގަނެވި ތާށިވެއްޖެއެވެ.
އާސެނަލް ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކުރީ އަމިއްލަ ދަނޑުގައި ފްރާންސްގެ ލެންސްގެ މައްޗަށް 6-0 ގެ ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ. އާސެނަލްއިން ފުރަތަމަ ހާފް ނިންމާލީ 5 ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ. ހަވަނަ ލަނޑު ޖެހީ 86 ވަނަ މިނެޓުގައި ޕަނަލްޓީއަކުން ޖޯޖީނިއޯއެވެ. އަނެއް ފަސް ލަނޑު ކާމިޔާބު ކޮށްދިނީ ކައި ހަވާޓްޒް، ގެބްރިއަލް ޖީސަސް، ބުކަޔޯ ސަކާ، ގެބްރިއަލް މާޓިނެއްލީ އަދި ކެޕްޓަން މާޓިންގ އޮޑެގާޑެވެ.
އާސެނަލްގެ މިމޮޅަކީ އިނގިރޭސި ފުޓްބޯޅައިގެ ތާރިހުގައި ޗެމްޕިއަންސް ލީގުގައި އިނގިރޭސި ކްލަބަކުން ފްރާންސް ކްލަބެއް އަތުން ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. މިމޮޅާއެކު އާސެނަލް ގްރޫޕް "ބީ" ގެ ކުރީގައި އޮތީ މިހާތަނަށް ކުޅުނު 5 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.
މެންޗެސްޓަރ ޔުނައިޓެޑް މޮޅުވުން މަޖުބޫރު މެޗެއްގައި ރޭ ގަލަތަސަރާއީއާ ދެކޮޅަށް ކުޅެ ފުއްދާލަން ޖެހުނީ 3-3 އިން އެއްވަރުވެގެންނެވެ. މިމެޗުގައި ޔުނައިޓެޑުން ދެލަނޑުގެ ލީޑެއްވެސް ނެގިއެވެ. ޔުނައިޓެޑަށް ލަނޑު ޖަހައިދިނީ އެލަހަންދްރޯ ގާނާޗޯ އާއި ބްރޯނޯ ފެނާންޑޭޒް އާއި ސްކޮޓް މެކް ޓޮމިނޭއެވެ. ގަލަތަސަރާއީއަށް ލަނޑުތައް ޖަހައިދިނީ ހަކީމް ޒިޔެޗް (ދެލަނޑު) އާއި މުހައްމަދު ކަރީމެވެ.
މިގްރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގަ ކަށަކޮށްފައި ވަނީ 13 ޕޮއިންޓާއެކު މަޝްހޫރު ބަޔާން މިޔުނިކެވެ. ގްރޫޕުގައި ކޮންމެ ޓީމަކަށް ބާކީ އެއްމެޗް އޮތްއިރު، 5 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ކޯޕަންހޭގަންއެވެ. ގަލަތަސަރާއީ 3 ވަނައިގައި އޮތީވެސް 5 ޕޮއިންޓާއެކުއެވެ. ގްރޫޕް ފުލުގައި ޔުނައިޓެޑް އޮތީ 4 ޕޮއިންޓާއެކުއެވެ.
ޔުނައިޓެޑަށް ދެވަނަ ބުރުން ޖާގަ ލިބެން އޮތީ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ޑިސެމްބަރު 13 ވަނަ ދުވަހުގެ ރޭ ބަޔާން މިޔުނިކް ބަލިކޮށް، އަދި ކޯޕަންހޭގަން އާއި ގަލަތަސަރާއީ ބައްދަލު ކުރާ މެޗް އެއްވަރުވެއްޖެ ނަމައެވެ.