އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖަސެޕް، ރައީސުލްޖުމްހޫރިއްޔާ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާ ރާއްޖެއަށް މިހާރުން މިހާރަށްބޭނުންވާ ތަރައްގީގެ މުހިންމު ޕްރޮގްރާމުތައް ކުރިޔަށްގެންދިއުމަށް މި ސަރުކާރުން އެކުލަވާލާފައިވާ "ހަފުތާ 14" އަށް ތައުރީފު ކުރައްވައިފިއެވެ.

އިއްޔެ މެންދުރު ފަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އޮސްޓްރޭލިޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ސަފީރަށް ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންކަމީ ޝަރަފެއްކަމުގައި ވިދާޅުވިއެވެ.

އަދި ދެގައުމުގެ ދެމެދު އޮންނަ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމާ ގުޅޭގޮތުން އޮސްޓްރޭލިޔާގެ ސަފީރާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ދައްކެވިއެވެ.

މީގެ އިތުރުން އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އޮސްޓްރޭލިޔާގެ ސަފީރު ވަނީ، ދެގައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި މި ދެބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަން، ނަފްސާނީ ދުޅަހެޔޮކަން، އިންސާނީ ވަސީލަތްތައް ތަރައްގީކުރުން، ތައުލީމު، ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ދޭދޭ އަދި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުން، އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ މުހިންމު މައްސަލަތައްވެސް ހިމެނެއެވެ.

ސަފީރުގެ ވާހަކަފުޅުގައި، އޮސްޓްރޭލިޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް އެގައުމުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވައި، ދާދިފަހުން ރާއްޖޭގައި އޮސްޓޭލިޔާގެ ހައިކޮމިޝަނެއް ގާއިމުކުރުން އެއީ އޭގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ސަފީރު ވަނީ، ދެޤައުމުން ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށް މަސައްކަތްކުރެއްވުމާއެކު ބައިނަލްއަގްވާމީ މިންގަނޑުތަކާއި އުސޫލުތަކަށް އިހްތިރާމުކުރުމާއި، މިނިވަންކަމާއި އިސްތިގްލާލު ރައްކާތެރިކޮށް އަދި ޞުލްޙަ މަސަލަސްކަން ކުރިއެރުވުމަށްވެސް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ދެގްއުމުގެ ގާތް ރަހުމަތްތެރިގުޅުން އިތުރަށް ބަދަހިކޮށް ދެގައުމުން ގުޅިގެންކުރާ މަސައްކަތްތައް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1974 ވަނަ އަހަރުގައެވެ.