ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލް މަގާމުގައި ހުންނެވި ކުރީގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހިސްޓޯ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ "ހައްދުންމަތިން" އަންނަ މީހަކު ޕާޓީ އޮފީސް ތެރެއިން އަޑަފި ހިފައިގެން ނުކުމެ ޕްރޮގްރެސިވް ކޮންގްރެސްގެ އެންމެ މެންބަރުންގެ މޫނަށް ހައްޕުނޑު ބުރުވުމުގެ ނޭއްގާނީ އުސޫލަށް އެ ޕާޓީ ހިނގަމުން އަންނަ ކަމަށެވެ.

މިފަދަ ހާލަތެއްގައި މެންބަރުންގެ މޫނުމަތި މާލީސްކޮށްގެން އެ މެންބަރުންގެ މާޔޫސްކަން ފިލުވައި ދިވެހީން އެދޭ މަގަށް ގެންދެވޭނެ ކަމަށް ގަބޫލް ނުކުރެވޭ ކަމަށް އެ ސިޓީގައިވެ އެވެ.

އެހެންކަމުން މިހާރުން ފެށިގެން ޕީއެންސީ ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމާއި ޕާޓީގެ މެންބަރުކަމުން އިސްތިއުފާ ދެއްވާ ކަމަށް ސިޓީގައިވެ އެވެ.

ޕީއެންސީން އިސްތިއުފާ ދެއްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއިކުރައްވާފައިކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.