އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން މާލޭގައި ކުރިއަށްގެންދާ އިހުތިޖާޖްގެ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލާ، އިދިކޮޅުން މާލޭގައި އިހުތިޖާޖު ކުރަމުން އަންނައިރު އިހުތިޖާޖްގެ ތެރެއިން ގިނަ ފަރާތްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އިދިކޮޅު ކޯލިޝަން ލީޑާޝިޕްގެ އިސް ފަރާތްތަކާއި މަޖިލީހުގެ މެމްބަރުންގެ އިތުރުން އިދިކޮޅުގެ ބައެއް ސަޕޯޓަރުން ހިމެނޭ ގޮތަށް، އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ގައިދުރުކަމެއް ނެތިކުރިއަށް ގެންދާ އިހުތިޖާޖްގެ ބައިވެރިން ފުރަތަމަ މިސްރާބު ޖަހާފައިވަނީ އިލެކްޝަންސްް ކޮމިޝަންގެ އޮފީހާއި ދިމާލަށެވެ. އަދި ފުލުހުން އެ ކަމަށް ހުރަސް އެޅުމުން އިތިހާބީ މަރުކަޒު ހުންނަ ބާ ޖަމާލުއްދީން ކައިރީގައި އިހުތިޖާޖް ކޮށްފައިވެ އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާން ވިދާޅުވީ އަދުރޭ އާއި ޝުޖާ ހިމެނޭހެން މިއަދުގެ ހަރަކާތުގެ ތެރެއިން 24 މީހަކު ފުލުހުންގެ ބެލުމުގެދަށަށް މިހާތަނަށް ގެންގޮސްފައި ވާކަމަށެވެ.

އިހުތިޖާޖްގެ ބައިވެރިން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުން އަންނައިރު، ރައީސް ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފައެވެ. އަދި އެ ހުކުމް ބަލައި ނުގަނެ ސީދާ ހަރަކާތަށް ނިކުތުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ.