އެލޯވެރާ އަކީ އިތުރު ތައާރަފަކަށް ބޭނުން ނުވާހާ، ތާއަބަދު އޭގެ ވާހަކަ އިވޭ ގަހެކެވެ. މިއީ އެތަކެއް ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ، ގިނަ ކަންކަމަށް ބޭނުން ހިފޭ ހާއްސަ ކަމެއް އެކުލެވިގެންވާ ގަހެކެވެ. ހާއްސަކޮށް ފާހަގަކޮށްލެވޭ ސިއްހީ ފައިދާތަކުގެ އިތުރުން ގައިގެ ހަމާއި ރީތިވާ ސާމާނުތައް ތައްޔާރުކުރުމަށްވެސް އެންމެ ހާއްސަކަމެއް ދީގެން ބޭނުން ކުރެވޭ އެލޯވެރާއަކީ "ވޮންޑަރ ޕްލާންޓް" ނުވަތަ އަޖައިބު ކުރުވަނިވި ގަހުގެ ނަމުން މަޝްހޫރުވެފައިވާ ގަހެކެވެ.
އެލޯވެރާ ޖެލްގެ ސަބަބުން ހަމުގައި ހުންނަ ކޮލެޖަން ހުންނަ މިންވަރު އިތުރުވުމުގެ އިތުރުން ކޮލެޖަން އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ކޮލެޖަން ކްރޮސް ލިންކިން އިތުރުކޮށް، ހަމުގައި ކުރަކިވެ ހަލާކުވެފައި ހުންނަތަން ރަނގަޅުކުރުމަށް މަގުފަހިކޮށްދެއެވެ. ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި އެލޯވެރާޖެލްގެ 99 އިން ސައްތައަކީ ފެނަށް ވާތީ މި ޖެލްގެ ސަބަބުން ފްލެކްސިބިލިޓީ އިތުރުކޮށް ހަންގަނޑު އޮމާންކޮށް ތާޒާކޮށް ދިރުން ގެނެސްދީ ވަރުގަދަވެސް ކޮށްދެއެވެ.
އެލޯވެރާ ޖެލްގައި ވިޓަމިން ސީ އާއި އީ، ބީޓާ ކެރޮޓީން ގިނަ އަދަދަކަށް ހުރެ އެވެ. އެހެންވީމާ، އެއީ އެންޓި އޭޖިންގ(އުމުރުން ދުވަސްވާގޮތް ނުފެންނަހެން) މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. މީގެ އިތުރުން އެންޓިމައިކްރޯބިއަލް މާއްދާތައް އެކުލެވިގެންވާ އިރު، މިއީ އެންޓި-އިންފްލެމޭޓަރީ ބާވަތެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެ އިތުރުން ހަމުގެ ކުދިކުދި މައްސަލަތައް ނައްތާލައި އުމުރުން ދުވަސްވީ ވައްތަރު ކުޑަކުރުމަށް ވެސް އެހީތެރިވެދެއެވެ.
އެލޯވެރާގައި އެލޯއިންގެ ނަމުން މަޝްހޫރު އަދި ގުދުރަތީ ޑިޕިގްމެންޓޭޝަން ކޮމްޕައުންޑެއް ހުރެއެވެ. މި ކޮމްޕައުންޑުން ހަންގަނޑު ދޫވުން ހުއްޓުވައި، ހަންގަނޑު ތާޒާކޮށް ގަދަފަދަކޮށްދެއެވެ. އަދި ހަމައެހެންމެ ކަލުވެފައި ހުންނަ ތަންތަން އަކިކޮށްލަދޭއިރު ހަންގަނޑުގެ ކުލަ އަލިކޮށް މުޅިން އުޖާލާ ތާޒާހަންގަނޑަކަށް ބަދަލުކޮށްލައެވެ.
ވަރަށް ގިނަ ފަރާތްތަކުން ކުރާ ސަުވާލަކީ އެލޯވެރާއިން "ދޮން"ވާނެތޯއެވެ. މާނައަކީ ހަމުގެ ކުލައަލިކޮށްދޭ ހެއްޔެވެ. ޖަވާބަކީ އާނއެކެވެ. އެލޯވެރާ ގަވާއިދުން ބޭނުން ކުރުމުން ގައިގެހަމުގެ މަރުވެފައިވާ ސެލްތައް ނައްތާލައެވެ. އަދި ކަޅުވެފައި ހުންނަ ތަންތަން އަލިކޮށް ހަމަށް ތާޒާކަން ގެނެސްދެއެވެ. އެހެންކަމުން ހަމުގެ ކުލަ އަލިކޮށް ދޮންކޮށްދެއެވެ.
އެލޯވެރާ ބޭނުން ކުރުމުގެ ނަތީޖާ ފެންނާނީ ގަވައިދުން ބޭނުން ކުރުމުންނެވެ. އެގޮތުން އެލޯވެރާ ގަވައިދުން 15-20 ދުވަސް ވަންދެން ބޭނުންކުރުމުން އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނުކުންނާނެ އެވެ.
އެލޯވެރާ؛ އެތަކެއް ގިނަގުނަ ފައިދާތަކެއް ވެއެވެ. އެލޯވެރާއަކީ ގުދުރަތީ މޮއިސްޗަރައިޒާއެކެބެ. އެންޓި-އިންފްލެމޭޓަރީ މާއްދާތައް އެކުލެވިގެންވާ އެލޯވެރާއިން ހާސްކަން ފިލުވައިދެއެވެ. ގައިގެ ހަންގަނޑާއި ހަށިގަނޑަށްވެސް އަރާމު އިހްސާސްކޮށްދެއެވެ. ހަމުގައި ހުންނަ ކަޅުތަންތަން ކޮޅު ފިލުވައި، ބްލެކް ވައިޓްހެޑްސް ފިލުވާލަދޭއިރު އިސްތަށިގަނޑަށް ވެސް ނުހަނު ފައިދާކުރެއެވެ. ސަންބާންތަކަށް ވެސްއެލޯވެރާއަކީ ނުހަނު މޮޅު ފަރުވާއެކެވެ. އަދި އަރިދަފުސް ރޯގާއަށްވެސް އެހާމެ ރަނގަޅު ފަރުވާއެކެވެ.
އެލޯވެރާއިން ހަންގަނޑު އަދާފައި ހުންނަ ތަންތަން ރަނގަޅުކޮށްލަދެއެެވެ. އަދި މިހެން ގޮސް އަދިވެސް އެތަކެއް ގިނަ ފައިދާތަކެއް ލިއްބައިދެއެެވެ. ކުރިންވެސް ބުނި ފަދައިން އެލޯވެރާއަކީ ކޮންމެ ގޮތަކަށްވެސް އޭގެ ބޭނުން ހިފިދާނެ އެއްޗެކެވެ. އެންމެ އުފާވެރި ކަމަކީ މިއީ ރާއްޖެއިން ގަންނަން ފަސޭހައިން ލިބެން ހުންނަ އެއްޗަކަށްވުމެވެ. އަދި އަމިއްލަގޭގެ އަމިއްލަ ކޮޓަރީގައިވެސް ގަސްމުށިގަނޑެއް ނޫނީ ގަސްއިންދާ ޕޮޓެއްގައި މީގެ ގަހެއް އިންދިދާނެއެވެ. އޭރުން ބޭނުންވާ ކޮންމެ ފަހަރަކު ފިިހާރައަކަށް ގަންނަން ދާން ޖެހުމުގެ ތަކުލީފު އުފުއްލާކަށް ނުޖެހޭނެތާއެވެ.
(މައުލޫމާތު: އެލޯވެރާ ބެނެފިޓްސް، މައިޓިޕްސް)