އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ގްރޫޕުގެ އޭގެ ދެވަނަ މެޗު ފާހި ސްޕޯޓްސް ކްލަބުން ކާމިޔާބު ކޮށްފިއެވެ.

ފާހި ސްޕޯޓްސް ކްލަބުން މިމެޗު ކާމިޔާބު ކުރީ، 1-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފާހި ސްޕޯޓްސް ބައްދަލުކުރީ ވަރުގަ އެފްސީ ޒެފިއާ އާ އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ޒެފިއާއަށް ފާހި ސްޕޯޓްސް ކްލަބުގެ ގޯލް ފޫއަޅުވާލަ ދިނީ، މެޗުގެ ވަރަށް ކުރީ ކޮޅުގައި ޒެފިއާގެ ޖާޒީ ނަމްބަރު 22 މުހައްމަދު ނިހާދެވެ. ނިހާދު 7 ވަނަ މިނެޓުގައި ޖެހި ގޯލާއި އެކު ފާހި ސްޕޯޓްސް އިން ޒެފިއާ އާ ދެކޮޅަށް ހަމަލާތައް ފޮނުވުން އިތުރު ކުރިއެވެ. އެގޮތުން ޒެފިޔާއަށް ލީޑު ގެއްލިގެެން ދިޔައީ، ފާހި ސްޕޯޓްސްގެ ޖާޒީ ނަމްބަރު 30 ހުސެއިން ޝާމިން އެޓީމަށް ޖަހައި ދިން ލަނޑާއެކުއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި ދެޓީމުން ވެސް ކުރި ހޯދުމަށް ގިނަ މަސައްކަތަކެއް ކުރިއެވެ. ނަމަވެސް ރަނގަޅު ހަމަލާތަކެއް އުފެއްދުނީ މަދު ފުރުސަތެއްގައެވެ. މިހާފުގައި ފާހި ސްޕޯޓްސްގެ ޖާޒީ ނަމްބަރު 11 އެޓީމަށް ލަނޑެއް ޖަހައި ލީޑު ނަގައި ދިނެވެ. ޒެފިއާ ޓީމުން މިހާފުގައި ލަނޑު ޖެހުމަށް ގިނަ މަސައްކަތް ކުރި ނަމަވެސް، އެދެވޭ ހަމަލާއެއް ފޮނުވާ ނުލެވެއެވެ. އަދި އެޓީމުގެ ކުޅުންތެރިއަކަށް ކުރި ފައުލްއަކާ ގުޅިގެން ލިބުނު ޕެނެލްޓީވެސް ފާހި ޓީމުގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މިމެޗުން މޮޅުވުމުން ފާހިއަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ނަމަވެސް ލަނޑުގެ ތަފާތުން ގްރޫޕުގެ އެއްވަނަ ލިބެނީ ބޭރުމަތި އެފްސީ އަށެވެ. މި ގްރޫޕުގައި ދެން ހިމެނޭ އެފްސީ އަފިރިން އަދި އެފްސީ ޒެފިއަރ އަށް ޕޮއިންޓެއް ލިބިފައި ނުވެއެވެ. މުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައި ވަނީ، މަރަދޫ އެފްސީ އަދި މެދުވަލު އެފްސީއެވެ.