ކ. މާފުށީ ބޭރުގައި އޮތް ސަފާރީއެއްގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ސަފަރީއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މާފުށި ޕޮލިސް ސްޓޭޝަން އަދި ކަސްޓަމްސް ސަރވިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނަކާއި 53 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. މި އޮޕަރޭޝަނުގައި އެ ސަފާރީ ބަލައިފާސްކޮށް، 237 ފުޅި ބަނގުރަލާއި 309 ބިޔަރު ދަޅު ފުލުހުންގެ ބެލުމުގެ ދަށަށްވަނީ ގެނެސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ 21 އަހަރުގެ މީހާއަށް 7 ދުވަސް، 22 އަހަރުގެ މީހާއަށް 13 ދުވަސް އަދި 53 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.