ވައިގެ މަގުން އައްޑޫ ސިޓީއަށް އެތެރެކުރި ބައިކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 1:55 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނުގައި، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ޑޮމެސްޓިކް ފްލައިޓުން ގަމަށް އައި ވަގުތު އެއާޕޯޓުން ކަމަށެވެ.

އަދި އައްޑޫ ސިޓީގައި ގާއިމުވެ ތިބޭ ނާކޮޓިކްސް އިންޓެލިޖެންސްގެ ފުލުހުންނާއި ގަން ޕޮލިސް ސްޓޭޝަންގެ ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.