އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން މާލޭގައި ކުރިއަށްގެންދިޔަ އިހުތިޖާޖްގެ ތެރެއިން ހައްޔަރުކުރި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލާ، އިދިކޮޅުން މާލޭގައި އިހުތިޖާޖު ކުރަމުން އަންނައިރު އިހުތިޖާޖްގެ ތެރެއިން 24 މީހަކު ހައްޔަރުކުރި ކަމަށް ޕީޕީއެމް އިން ބުންޏެވެ.

ބަންދުން ދޫކޮށްލުމާ އެކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ހައްގުގައި ހަތަރު އަހަރު ޖަލުގައި އޮންނަން ޖެހުނަސް ތައްޔާރަށް ހުންނެވި ކަމަށެވެ.

ސީދާ ހަރަކާތް ހިންގުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކައުންސިލުން ގަރާރެއް ފާސްކޮށްފައިވާއިރު އެ ގަރާރާ އެއްގޮތަށް ކުރިއަށް އޮތްތަނުގައި ވެސް ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް، ޕީއެންސީން ސީދާ ހަރަކާތް ހިންގަން ނިންމީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން އެކަމާ ނުރުހުން ފާޅު ކުރުމުގެ ގޮތުންނެވެ. އެ ކޯލިޝަނުން ބުނަމުން އަންނަނީ އެ ހުކުމަކީ ސަރުކާރުގެ ނުފޫޒުން ކޮށްފައިވާ ބޭއިންސާފު ހުކުމެއް ކަމަށެވެ. އަދި އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.