ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި މިހާރު ކުރިއަށްދާ ކޮޕް28 ސަމިޓުގައި ބައިވެރިވުމުގެ ދައުވަތު ސަހްޔޫނީ އިޒްރޭލުގެ ރައީސް އިސާކް ހާޒޮގަށް ނުފޮނުވުމަށާއި އަދި އޭނާ ޔޫއޭއީއަށް އޭނާ ނުވެއްދުމަށް، ފަލަސްތީނާއި ޣައްޒާގެ މިނިވަންކަމުގެ ހައްޤުގައި އިޒްރޭލާ ދެކޮޅަށް ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތުން އެދުނު ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.

މިސްރުގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ޔޫއޭއީ ސަރުކާރުގައި ހަމާސްއިން އެދުނީ އެއްވެސް ސިފައެއްގައި ކޮޕް28 ސަމިޓުގައި އިޒްރޭލް ބައިވެރި ނުކުރުމަށެވެ. އެކަމަކު ހަމާސް ޖަމާއަތުގެ މިއެދުމަށް ފުރަގަސް ދިނުމަށްފަހު، ޔޫއޭއީއިން ވަނީ އިޒްރޭލުގެ ރައީސް ހާޒޮގަށް ދައުވަތުދީ، ކޮޕް28 ސަމިޓަށް ޔޫއޭއީއަށް ގެނެސްފައެވެ. މިއީ ޔޫއޭއީއަށް އިޒްރޭލު ސަރުކާރުގެ ވެރިޔަކު އެތެރެވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. ޔޫއޭއީން ހާޒޮގާ ބައްދަލު ކުރީ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދް އަލް ނަހްޔާންއެވެ.

އިޒްރޭލުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ހަމާސް ޖަމާއަތުގެ އެދުމަށް ފުރަގަސް ދިނުމަށް ޔޫއޭއީއިން ބޭނުންވަނީ އިޒްރޭލާއެކު މިހާރުވެސް ގާއިމްކޮށްފައިވާ ސިޔާސީ ގުޅުން ކުރިއަށް ގެންދިޔުމަށެވެ. ފާހަގަ ކޮށްލެވޭ ކަމަކީ ޔޫއޭއީގެ 500 އަށްވުރެ ގިނަ ކުންފުނި އިޒްރޭލާއެކު ވިޔަފާރި ކުރަމުންދެއެވެ.

ޔޫއޭއީއަކީ އިޒްރޭލަކީ ދައުލަތެއް ކަމަށް ގަބޫލްކޮށް ސަހްޔޫނީ އިޒްރޭލާއެކު ސިޔާސީ ގުޅުން ޤާއިމް ކޮށްފައިވާ ޢަރަބި 3 ގައުމުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއްގައުމެވެ. އަނެއް ދެޤައުމަކީ މިސްރާއި ބަހްރެއިނެވެ.

ކޮޕް28 ސަމިޓަށް ހުޅަނގުގެ ޤައުމުތަކުގެ ލީޑަރުން ޔޫއޭއީއަށް ވަޑައިގެން ތިމާވެށި ހިމާޔަތް ކުރުމަށް އަޑު އުފުއްލަވަމުން ގެންދަވާއިރު، ފަލަސްތީނު ރައްޔިތުންގެ ދިފާއުގައި ކަމެއް ކުރަން ނުކުރެތިބި އިސްލާމީ އަދި ޢަރަބި ޤައުމުތަކުގެ ވެރިންވެސް ތިއްބެވީ އަތްޖައްސަވާށެވެ. މިސަމިޓުގައި ފާޅުކަން ބޮޑު ގޮތެއްގައި ފަަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ބަހެއް ވިދާޅުވި ޢަރަބި އިސްލާމީ ލީޑަރަކީ ހަމައެކަނި ޢުރުދުންގެ ރަސްގެފާނު ޢަބްދުﷲ ރަސްގެފާނެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނާ ދެކޮޅަށް ވަކިން ހާއްސަކޮށް ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ޤަތުލް އާންމުތައް ހިންގައި މިހާތަނަށް ސޯޅަހާހެއްހައި މީހުން ޝަހީދު ކޮށްލާފައިވާއިރު، މިދިޔަ ދެމަހެއްހައި ދުވަހުގެ ތެރޭގައި ފަލަސްތީނަށް ބޮން ނާޅައި އިޒްރޭލުން ދޫކޮށްލީ އެންމެ 4 ދުވަހެވެ. އަދި ޣައްޒާގެ އާންމު ރައްޔިތުން ސާފު ބޯފެނާއި ރައްކާތެރި ކާނާ އަދި ސިއްހީ ފަރުވާ ލިބުމުންް އިޒްރޭލުން ވަނީ މަހްރޫމް ކޮށްފައެވެ. ނަސްލެއް ނައްތާލުމުގެ ޤަތުލް އާންމު ޓެރަރިސްޓް އިޒްރޭލުން ހިންގަމުން އަންނައިރު ދުނިޔޭގެ ލީޑަރުން ތިއްބެވީ ކުޅިބަލާށެވެ.