އިންޑިއާގެ ބާބްރީ މިސްކިތް ހިންދޫންނާ ހަވާލުކުރަން އެގައުމުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި

0
އިންޑިއާގައި މުސްލިމުންނާދޮކޮޅު ނިންމުންތައް ދަނީ ގިނަވަމުން

އިންޑިޔާގެ އަޔޯދިޔާގައި ހުރި މުސްލިމުންގެ ތާރީޚީ މިސްކިތެއްކަމަށްވާ ބާބްރީ މިސްކިތް ހުރި ބިން ހިންދޫންގެ ފައްޅިއެއް ބިނާކުރުމަށް ހިންދޫންނާ ހަވާލުކުރުމަށް އިންޑިޔާގެ ސްޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ. އިންޑިޔާގެ އެންމެ މަތީ ކޯޓުން ކުރި ޙުކުމުގައި މުސްލިމުން މިސްކިތެއް އެޅުމަށް އަޔޯދިޔާގެ އެހެން ހިސާބަކުން ފަސް އޭކަރުގެ ބިމެއް އިންޑިޔާގެ މުސްލިމުންގެ ސުންނީ ސެންޓްރަލް ވަޤްފު ބޯޑަށް ދިނުމަށްވެސް ނިންމާފައިވެއެވެ.

އިންޑިޔާގެ ސުޕްރީމްކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ހޮނިހިރު ދުވަހުކުރި ޙުކުމުގައި މިގޮތަށް ނިންމީ ކަމާބެހޭ ފަރާތްތަކުން ހުށަހަޅާފައިވާ އާޘާރީ ލިޔުންތަކާއި ތާރީޚީ ދަލީލުތަކަށް ބެލުމަށްފަހު ދީނީ އިޢްތިޤާދުތަކުގެ ބަދަލުގައި އިންޑިއާގެ ގާނޫނަށް ރިޢާޔަތް ކޮށްގެންކަމަށެވެ. އެގޮތުން އާޘާރީ ލިޔުންތަކާއި ތާރީޚީ ދަލީލުތަކަށް ބަލާއިރު ބާބްރީ މިސްކިތް ބިނާކޮށްފައިވަނީ ކުރިން ހިންދޫންގެ ފައްޅިއެއް ހުރި ތަނެއްގައިކަން އެނގޭކަމަށް ސުޕްރީމްކޯޓުގެ ޙުކުމްގައި ބުނެފައިވެއެވެ.

ޙުކުމް އިއްވަވަމުން އިންޑިޔާގެ އުއްތަމަ ފަނޑިޔާރު ރަންޖަން ގޮގޯއީ ވިދާޅުވީ ޤާނޫނު އޮންނަން ޖެހޭނީ ސިޔާސީ އަދި ދީނީ ވިސްނުންތަކަށްވުރެ މަތީގައި ކަމަށެވެ. އަދި ޙުކުމް ކުރުމުގައި އިންޑިޔާގެ ރައްޔިތުންގެ ހުރިހާ އަޤީދާތަކާއި ދީންތަކާއި މަޛްހަބްތަކަށް އިޚްތިރާމުކޮށްފައިވާނެކަމަށްވެސް ގޮގޯއީ ވިދާޅުވެފައިވެއެވެ.

Advertisements

ބާބްރީ މިސްކިތަކީ މީލާދީން 1519ވަނަ އަހަރު އިންޑިޔާގެ ބޮޑު ބައެއްގައި ވެރިކަންކުރި އިސްލާމީ ރަސްކަލެއްކަމަށްވާ ޝާހް ޒަހީރުއްދީން މުހައްމަދު ބާބަރް ބިނާކުރެއްވި މިސްކިތެކެވެ. ނަމަވެސް، އެ މިސްކިތް ބިނާކޮށްފައިވަނީ އެތަނުގައި ހުރި ހިންދޫންގެ ފައްޅިއެއް ތަޅާލައި އެ ފައްޅީގެ މަތީގައިކަމަށް ހިންދޫން އަބަދުވެސް ދައުވާކުރެއެވެ. އެހެންކަމުން، ބާބްރީ މިސްކިތް ތަޅާލައި އެތަނުގައި ފައްޅިއެއް ބިނާކުރަން ހިންދޫން ކުރަމުން ގެންދިޔަ މަސައްކަތްތަކުގެ ދަށުން 1992ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 6ވަނަ ދުވަހު ހިންދޫންގެ ހަރުކަށި ބަޔަކު ނުކުމެ އެ މިސްކިތް ތަޅާލިއެވެ. އެ މިސްކިތް ތަޅާލުމާއެކު އިންޑިޔާގެ މުސްލިމުންނާއި ހިންދޫންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިގެން ގޮސްފައިވެއެވެ. މުސްލިމުން ބުނަމުން އައިސްފައިވަނީ އެތާ ނަމާދުކުރާތާ އެތައް އަހަރެއް ވެފައިވާކަމަށެވެ.

ބާބްރީ މިސްކިތާ ގުޅިގެން އިންޑިޔާގެ ސްޕްރީމް ކޯޓުން ކުރި ޙުކުމުގައި އެ މިސްކިތް ތަޅާލުން ކުށްވެރިކޮށްފައިވެއެވެ.

Advertisements