ނަވާރަސަތޭ ނުވަދިހައިގެ ކުރީކޮޅުގައިވެސް ރަށްރަށުގެ ގިނަ ސުކޫލުތަކުގައި ސެކަންޑަރީ ތަޢުލީމް ޙާޞިލްކުރެވޭކަށް ނެތެވެ. އެހެންކަމުން މައިން ބަފައިން އެބައިމީހުންގެ ލޮލުގެ ކޮއި ކަމުގައިވާ ލޯބިވާ ދަރިން މާލެ ފޮނުވަނީ އެކުދިންނަށް ރަނގަޅު ތަޢުލީމެއް ދިނުމަށެވެ. އޭރު މާލެ އައި ގިނަ ކުދިން ދިރިއުޅުނީ އާއިލާގެ ކޮންމެވެސް މީހަކު ދިރިއުޅޭ ގެއްގައި ނުވަތަ މައިންބަފައިންގެ ރައްޓެއްސެއްގެ ގެއެއްގައެވެ. ފަރިޔާލާއި ހަސީނާ އަކީވެސް މިގޮތަށް މާލެއަށް ކިޔަވަން އައި ދެކުދީންނެވެ. އެހެން ކުދިން ފަދައިން މި ދެކުދިންވެސް ތިބީ އާއިލާގެ މެންބަރުން ދިރިއުޅޭ ގޭގޭގައެވެ.

އެއް ސުކޫލެއްގެ އެއްކުލާހެއްގައި އުޅުމުގު ފުރުޞަތު ލިބުމުން ހަސީނާ އާއި ފަރިޔާލު ރަޙުމަތްތެރިން ކަމުގައި ވެއްޖެއެވެ. އަދި ދެކުދިންވެސް ދިރި އުޅެނީ އެއް ހިސާބުގަނޑެއްގައި ކަމަށް ވުމުން ވަރަށް ގާތް ގުޅުމެއް އުފެދިއްޖެއެވެ. އެކީގައި ސުކޫލަށް ދެވޭތީވެސް މެއެވެ.

ފަރިޔާލަކީ މާލޭގެ މަގުތަކަށް އެހާ ފަރިތަ ކުއްޖެއް ނޫނެނެވެ. އެހެންކަމުން އެކަނި މަގުމަތީގައި ހިނގާ ބިނގާ އުޅުމަކީ ފަރިޔާލަށް ވަރަށް ދަތިކަމެކެވެ. އެހެންވެ ސުކޫލަށް ދާއިރުވެސް ހިނގާނީ ހަސީނާގެ އަތުގައި ހިފަހައްޓައިގެންނެވެ. ނަމަވެސް މިއީ ހަސީނާއަށް މާ ފަސޭހަ ކަމެއްނޫނެވެ. އެހެންކަމުން ގިނަފަހަރަށް ފަރިޔާލު ހިފަހައްޓާއިރަށް ހަސީނާ އަތް ފޮޅާލައެވެ. ނަމަވެސް ފަރިޔާލުގެ ޙާލަތައްޓަކައި މަގު ހުރަސް ކުރާއިރު ފަރިޔާލު އޭނާ އަތުގައި އެލިގެން އޮތަސް އެކަން ގަބޫލުކޮށް ރަޙުމަތްތެރިޔާ ގޮވައިގެން މަގު ހުރަސް ކުރެއެވެ.

މިހާރު ހަސީނާ އާއި ފަރިޔާލަކީ ފުރާވަރުގެ ދެކުދީންނެވެ. މި އުމުރުގެ އެހެން ކުދިން ފަދައިން ފަރިޔާލުވެސް ބޭރަށްގޮސް ރައްޓެހިންނާއެކު އުޅޭހިތްވެއެވެ. ނަމަވެސް މި ފުރުޞަތު ލިބެން އޮތީ ސުކޫލުގެ ޙަރަކާތެއްގައި ބައިވެރި ވެގެނެވެ. އެކަމަކު ސުކޫލުގައި ހިންގާ ޙަރަކާތެއްގައި ވެސް ފަރިޔާލަށް ބައިވެރިވެވެން އޮތީ ހަސީނާ ބައިވެރި ވަންޏާއެވެ. ވާނީވެސް އެހެންތާއެވެ. ފަރިޔާލަކީ އަމިއްލަ ޙާލާގެން ވެސް މަގުމަތީގައި ހިނގާލެވޭ ކުއްޖެއްނޫނެވެ. ކޮންމެ އަކަސް ހަސީނާ ބައިވެރި ވުމުން ފަރިޔާލުވެސް ސުކޫލުގެ ކެޑޭޓް ގްރޫޕްގައި ބައިވެރި ވެއްޖެއެވެ.

ދުވަސްވަރަކީ މިނިވަން ދުވަހަށް ރޫޓްމާރޗް ދަސްކުރުމަށް ފޯރިއާއެކު ސްކޫލު ކުދިންތައް ޙަރަކާތްތެރި ވަމުން ދިޔަ ދުވަސް ވަރެވެ. ފަރިޔާލާއި ހަސިނާވެސް ދެ އިރު ދެ ދަޅަޔަށް ޔުނިފޯމު އަޅައިގެން ޕްރެކްޓިސް އަށް ހެންވޭރު ހިއްކިބިމަށް ދެއެވެ. ދެކުދިންވެސް ދިރި އުޅެނީ މާފަންނުގައި ކަމުން ހިނގަންޖެހޭ ހިސާބު ދުރެވެ. އެއްރެއަކު އިޝާނަމާދު ފަހު ކެޑޭޓް ޕްރެކްޓިސްއަށް ދާން ދެކުދިން ހިނގައިގެން ފިއެވެ. މަޖީދީ މަގުން ހިނގަމުން ގޮސް މަގު ހުރަސް ކުރާ ހިސާބުން އެއްކަލަ ފަރިޔާލުގެ އަތުގައި ހިފަހައްޓައިފިއެވެ. މަގު ހުރަސްކުރަން އަތަށް ދަމަދަމާވެސް ހަސީނާ ގުޑާ ނުލީމާ އިސް އުފުލާ ބަލާލި އިރު ކަމަކު ދާކަން ނެތެވެ. މި ހުރެވުނީ މެދު އުމުރުގެ ބޮޑު އަންހެނެއްގެ އަތުގައި ހިފަހައްޓައިގެންނެވެ. ފަރިޔާލު ލަދުން އަވަސް އަވަހަށް އެމީހާގެ އަތުން ދޫކޮށްލާފައި ސޮރީ އޭ ބުނެ އަޅާ އިތިކޮށް ދުވެ މަގު ހުރަސްކޮށްފިއެވެ. އޭރު ހަސީނާ މަގުގެ އަނެއްފަރާތުގައި ހުރެ ބިނދިބިނދިފައި ހެނީ އެވެ. ފަރިޔާލު ރުޅިއައިސްގެން ހަރިޔަނަށް ތުންދަމާލާފައި ގޮސް ހަސިނާ އާ އަރާ ހަމަކުރުމުން ހަސީނާ ފަރިޔާލަށް ބުންޏެވެ. "ނަސީބެއްނު ފިރިހެނެއްގެ އަތުގައި ހިފާ ނުދެމުނުކަން" ފަރިޔާލަކަށްވެސް ނުހީއެއް ނުހުރެވުނެވެ. ދެކުދިން ހެމުން ހެމުން ޕްރެކްޓިސްއަށް ދިޔައެވެ. މިހާރުވެސް މި ދެ އެކުވެރިންގެ ހާލަކީ މިއީ އެވެ. އެކީގައި ތަނަކަށް ދަންޏާ ފަރިޔާލު ހުންނާނީ ހަސީނާގެ އަތުގެ މުލައްދަނޑީގައި ހިފާފައެވެ.