ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ހުންނަ ޔުނާން ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް މިއަދު ބައްދަލުކުރައްވައިފިއެވެ.

ނައިބު ރައީސް މި ދަތުރުފުޅަކީ، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ދިވެހި ދަރިވަރުންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޔުނާން ޕްރޮވިންޝަލް ގަވަރންމަންޓް ސްކޮލަރޝިޕްގެ ދަށުން ޔުނާން ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ތައުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާއާ ގުޅޭގޮތުން އެމަނިކުފާނު މައުލޫމާތު އޮޅުންފިލުއްވިއެވެ. އަދި، ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާނެ ދަތިތައް ސަރުކާރަށް ފާހަގަކުރެވިފައިވާކަން ބަޔާންކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހި ދަރިވަރުންވެސް ވަނީ އެ ދަރިވަރުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

މީގެއިތުރުން ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގުމުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދުމުގެ މަސައްކަތް، ރައީސް ޑރ. މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން މިހާރުވެސް ކުރިއަށް ގެންދަވާ ކަމުގައި ވިދާޅުވެ، އެމައްސަލައަށް ކައިރި މުސްތަގްބަލެއްގައި އަވަސް ޙައްލެއް ލިބިގެންދާނެކަމުގެ ޔަގީންކަން ނައިބު ރައީސް ވަނީ ދެއްވާފައެވެ.

ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މި ހިނގާ ޑިސެމްބަރު 7-8 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސަޢީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.