ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް، ޗޫޖިން ޓޮންގްޗުއަން ވިންޑް ފާރމްއަށް ޒިޔާރަތް ކުރައްވައިފިއެވެ.

އެމަނިކުފާނު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ޗޫޖިން ޓޮންގްޗުއަން ވިންޑް ފާރމް ޕްރޮޖެކްޓަކީ، ޔުނާން ޕްރޮވިންސްގައި އަލަށް ހިންގުމަށް ރާވާފައިވާ ހަކަތައާ ގުޅޭ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ، ވައިން ހަކަތަ އުފެއްދުމުގެ 20 މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ، ވިންޑް ފާރމްގެ ކޮންޓްރޯލް ސެންޓަރަށް ވަޑައިގެން، އެތަން ހިންގަމުންދާގޮތާ ބެހޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

ނިމިގެންދިޔަ ކޮޕް 28 ގައި ރައީސް ވަނީ، ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ހަކަތައިގެ 33 އިންސައްތަ ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރާއްޖެއިން އަމާޒު ހިފާފައިވާކަން އިއުލާނު ކުރައްވާފައެވެ.

ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ނައިބު ރައީސް ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މި ހިނގާ ޑިސެމްބަރު 7-8 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައިދު ބައިވެރިވެވަޑައިގަންނަވާނެއެވެ.