އައްޑޫ ސިޓީ ފޭދޫ ގެއެއްގައި ބަނގުރާ އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮޕަރޭޝަނެއް ހިންގައިފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ރީނދޫ ކުލައިގެ 6 ހަން، 500އެމްއެލްގެ 2 ފުޅި އަދި ބަނގުރާ ކައްކަން ބޭނުންކޮށްފައި ހުރި ކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެވެ.

އަދި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހު 4 ވަނަ ދުވަހު ދަންވަރު 1:18 އެހައިކަންހާއިރު ހިންގި އެ އޮޕަރޭޝަނުގައި، އެތަކެތި ފެނިފައިވަނީ ފޭދޫ ގެއެއްގެ ގޯތިތެރޭގައި ހަދާފައި ހުރި ހަޓެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.