ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް އައްޑޫ ސިޓީގައި ފަށައިގެން ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އިތުރަށް ބުނީ މިމަހު 3 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މިހާތަނަށް 10 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ހައްޔަރުކޮށްފައިވަނީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ މީހަކާއި، 19 އަހަރުގެ 2 މީހުންނާއި، 20 އަހަރުގެ 3 މީހުންނާއި، 21 އަހަރުގެ މީހަކާ އަދި 23 އަހަރުގެ 3 މީހުންް ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން 10 މީހުންވެސް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން ބުނީ މި އޮޕަރޭޝަނުގައި، ހިތަދޫ ސަރަހައްދުގައި ގްރޫޕުތަކުން އެއްވެ އުޅޭ ތަންތަން ފުލުހުން ބަލައި ފާސްކުރަމުންދާއިރު މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފަ ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި، ދަނގަޑުބުރިތަކާއި އެހެނިހެން އާލާތްތައް ފެނިފައިވާ ކަމަށެވެ.

އަދި މި މައްސަލަތައް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެންދަނީ ތަހުގީގު ކުރަމުންނެވެ.