އައްޑޫ ހިތަދޫގައި މިދިޔަ ހަފްތާ ބަންދުން ފެށިގެން ކުރިއަށް ދިޔަ ސިލްސިލާ މާރާމާރީތަކާ ގުޅިގެން މިހާތަނަށް ހައްޔަރުކުރި 11 މީހުންގެ ތެރެއިން އެކަކު މިއަދު ދޫކޮށްލައިފި އެވެ.
އައްޑޫގައި މިދިޔަ ހުކުރު އަދި އާދިއްތަ ދުވަހު ހިންގި މާރާމާރީތަކާ ގުޅިގެން އިއްޔެގެ ނިޔަލަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ. ނަމަވެސް، މިއަދު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ މައްސަލާގެ ތުހުމަތަށް ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް 11 މީހަކު ގެންގޮސްފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު، ބަންދުގައި އިތުރަށް ބަހައްޓަން ނުފެންނާތީ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓުގެ މުއްދަތުކޮމިޓީއަށް ހާޒިރު ކުރުމުގެ ބަދަލުގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފައެވެ. އެހެންނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެ އެވެ.
ހުކުރު ދުުވަހު ހިންގި މާރާމާރީގެ ތުހުމަތުގައި ހަމަ އެ ދުވަހު 18 އަހަރާއި 23 އަހަރާ ދެމެދުގެ ހަތަރު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެ ހަމަލާއާ ގުޅިގެން، އަންގާރަ ދުވަހު 23 އަަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރިއެވެ. އާދިއްތަ ދުވަހު ހިންގި މާރާމާރީގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހު 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރި އިއްޔެގެ ވަގުތެއްގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުން، އެ އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. މި މާރާމާރީތައް ފެށުނީ، މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 2:20 ހާއިރު ގޭންގަކުން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމުންނެވެ.
އުމުރުން 30 އަހަރުގެ އެ މީހާއަށް މިވަގުތު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގައެވެ. މި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އާދިއްތަ ދުވަހުގެ ހަވީރު 3:30ގައި އިތުރު މީހަކަށް ހަމަލާދީ ޒަހަމުކޮށްލި އެވެ. އެކަމަކު އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.
އައްޑޫ މާރާމާރީތައް ހުއްޓުވުމަށް ފުލުުހުންގެ އިތުރު ޓީމެއް އެ ރަށަށް ގޮސް، ހާއްސަ އޮޕަރޭޝަނެއް މިހާރު އެބަ ކުރިއަށް ގެންދެ އެވެ. ފުލުހުން ބުނި ގޮތުގައި، މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި ދަގަނޑު ބުރި ފަދަ ތަކެތި އިއްޔެ ވަނީ ހޯދާފަ އެވެ.