އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް، މިއަދު ހަވީރު ޖެނީވާއަށް ވަޑައިގެންފިއެވެ.

މި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 11-12 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ސްވިޒަލޭންޑްގެ ސަރުކާރާ ގުޅިގެން އިންތިޒާމުކުރާ ހިއުމަން ރައިޓްސް 75 ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާބެހޭ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "އިންސާނީ ޙައްޤުތަކުގެ މުސްތަޤްބަލު، ތިމާވެށި އަދި މޫސުން" މި މައުޟޫތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށާއި، ބޭރު ގައުމުތަކުގެ އިއްޒަތްތެރިންނާއި އ.ދ.ގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ނައިބު ރައީސް ޖެނީވާއަށް ވަޑައިގަތީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި ލެއްވުމަށްފަހުއެވެ.