މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން ބޭއްވި "މަސްވެރިންގެ ގުންޒަރު 2023"ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

އިއްޔެ ހެނދުނުން ފެށިގެން ކުރިއަށްދިޔަ މި ގުންޒަރުގެ މިރޭގެ ދަންފަޅީގައި ބައިވެރިވެވަޑައިގެން، ރައީސް ވަނީ މަސްވެރިންގެ ޝުއޫރުތައް އަޑުއައްސަވައި، މަސްވެރީންގެ ސުވާލުތަކަށް ޖަވާބުވެސް ދެއްވައިފައެވެ.

މަސްވެރީންގެ ގުންޒަރުގައި ރޭ ވާހަކަދެއްކެވި މަސްވެރީން ވަނީ، މަސްވެރީންނަށް ކުރިމަތިވެފައިވާ ދަތިތަކާ ކަންބޮޑުވުންތައް ރައީސަށް ދަންނަވައިފައެވެ. އަދި މަސްވެރިކަން ކުރިއެރުވުމަށް ކުރާ އުންމީދުތަކާ، ދިވެހި މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީއާ ދިރިއުޅުމުގެ ހާލަތާމެދުވެސް ވާހަކަދައްކަވައިފައެވެ.

މަސްވެރިންގެ ޝުއޫރުތަކާ، ސުވާލުތަކާއި ގުޅިގެން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ މަސްވެރިކަން ވަރަށް ކުރިއަށް ގެންދެވުމަށް ކަމުގައި ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަޙައްދަކަށް މަސްވެރިކަން ފުޅާކުރެއްވުމާ، މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖް ފަދަ ވަސީލަތްތައް ގިނަ ކުރެއްވުމާ، މަހުގެ އުފެއްދުންތައް އިތުރުކުރެއްވުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

އަދި މަސްވެރީންގެ ސުވާލުތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވި ގިނަ ކަންކަމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމަނުއްވައިގެން ކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާ ކަންތައްތައްކަން ފާހަގަކުރެއްވިއެވެ. އަދި އެއިން ކޮންމެ ވައުދަކީ ފުއްދަވާނެގޮތް ހޯއްދަވައިގެން ވެވަޑައިގެންނެވި ވައުދުތައްކަން ފާހަގަކުރައްވައި، އެކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ތަކުރާރުކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖެއަށް އެންމެބޮޑު އާމުދަނީއެއް ލިބޭނެ ސިނާއަތަކީ މަސްވެރިކަން ކަމުގައި ހެދޭނެގޮތަށް ވިސްނުންފުޅު ބަހައްޓަވައިގެން، އެ ސިނާޢަތުގެ ތަރައްގީ ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ލިބޭ ބޭރުގެ އެހީތަކުގެ ތެރެއިން ބައެއް، މަސްވެރިކަން ތަރައްގީކުރުމަށް ހޭދަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ގުންޒަރުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކުންވެސް މަސްވެރީން ބައިވެރިވެއެވެ. ރޭގެ ދަންފަޅީގައި ވާހަކަދެއްކުމުގެ ފުރުޞަތު ލިބުނު މަސްވެރީންވަނީ، މަސްވެރީންގެ އަޑު އައްސަވައި، މަސްވެރީންނާ ބައްދަލުކޮށްލެއްވުމަށް ވަޑައިގެންދެއްވީތީވެ، ރައީސަށް ޝުކުރު އަދާކުރައްވައިފައެވެ.

މަސްވެރީންގެ ގުންޒަރުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވަނީ، ޑިސެމްބަރު 10 ވަނަ ދުވަހުގެރޭ ބާއްވަވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި، މަސްވެރިކަމުގެ ދާއިރާއަށް މުހިންމު ގިނަ ކަންތައްތަކެއް ރައީސް އިއުލާން ކުރައްވާނޭކަން ހާމަކުރައްވައިފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތަކީ ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ ސިނާއަތެއްކަން ފާހަގަކުރައްވައި، މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ހުށަހެޅުއްވި ފުރަތަމަ ކަރުދާހަކީ، އަދި ވަޒީރުންގެ މަޖިލީހުން ފުރަތަމަ ނިންމެވި ނިންމެވުމަކީވެސް މަސްވެރިކަމާ ގުޅުންހުރި ނިންމެވުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރޭ މި ގުންޒަރުގައި ކުރިއަށް ދިޔަ ދަންފަޅިއަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންނާއެކު ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެން، މަސްވެރިންނާ ހިޔާލު ބަދަލުކުރައްވައި، އިތުރު މަޝްވަރާތައް ކުރައްވައިފައެވެ.