ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިގްތިސާދީ، އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރި އެރުވުމަށްޓަކައި، ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާފުޅާއެކު މިއަދު ނިންމަވައިފިއެވެ.

އެމަނިކުފާނު މި ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މިގޮތުން، މި ނިންމެވުން ނިންމެވީ، ތުރުކީވިލާތަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ބާވަތްތަކުގެ މުދާ (އެސެންޝަލް ކޮމޯޑިޓީސް) ދިވެހިރާއްޖެއަށް އެތެރެކުރާ ގައުކަމަށްވުމާއި، ރާއްޖެއަށް އެތެރެކުރަންޖެހޭ އެހެނިހެން މުހިންމު ސާމާނުވެސް ފަސޭހަކަމާއެކު ލިބެން ހުރި ގައުމަކަށްވާތީއެވެ.

މީގެއިތުރުން ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި ކުރިއަރުވައި ރާއްޖޭގެ އުފެއްދުންތައް އެ ގައުމަށް އެކްސްޕޯޓު ކުރުމަށްވެސް އިތުރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުން މީގެ ތެރޭގައި ހިމެނެއެވެ. އަދި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލުކުރުމަށް ތުރުކީވިލާތަށް ދިއުމާއި، އެގައުމަށް ދާ ދިވެހި ފަތުރުވެރިންގެ އަދަދުވެސް ވަރަށް ބާރު ދުވެލީގައި އިތުރުވަމުން ދިއުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1979 މޭ 28 ގައެވެ.