އަންހެނުންނަށް ދިމާވާ 'އެންޑޮމެޓްރިއޯސިސް' އަދި 'ޕީ.ސީ.އޯ.އެސް.' ފަދަ ޞިއްޙީ މައްސަލަތަކަށް ހާއްސަ ފަރުވާ އާއި ބޭސްތައް، ކޮންމެ ޑައިގްނޯސިސްއެއްގެ ދަށުންވެސް އާސަންދަ ސްކީމްއިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

އެމަނިކުފާނު މި ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

އަދި މި ނިންމެވުން މިފަދައިން ނިންމަވާފައިވަނީ އަންހެނުންނަށް ދިމާވާ މިފަދަ ސިއްހީ މައްސަލަތަކުގެ ފަރުވާތަކަކީ މިހާރުވެސް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދެމުންދާ ހިދުމަތްތަކެއް ނަމަވެސް، 'އިންފަރޓިލިޓީ' ޑައިގްނޯސިސް ހިމެނޭގޮތަށް މިފަދަ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދޭ ބައެއް ހާލަތްތަކުގައި ސްކީމްއިން މި ފަރުވާ 'ރިޖެކްޓް' ކުރަމުންދާ ދިއުމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުންނެވެ.

މީގެއިތުރުން މިކަން ތަންފީޒުކުރުމަށްޓަކައި، މި ބަލިތަކާގުޅޭގޮތުން ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރުވައި ހޭލުންތެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއެކު މިކަމާ ގުޅޭ ފަރުވާގެ ނިޒާމު ސަރުކާރު ހޮސްޕިޓަލްތަކުގައި ހަރުދަނާކުރުމަށްވެސް ވަނީ ނިންމަވާފައެވެ.