ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، މިނިސްޓްރީ އޮފް ވަކި އިދާރާއެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މިއަދު ނިންމަވައިފިއެވެ.

އެމަނިކުފާނު މި ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެ މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މި ޒަކާތު ހައުސްގެ މަގްސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތު ސެކްޝަނުން މިހާރު ކުރަމުންގެންދާ މަސައްކަތްތަކާއި ޒަކާތުގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުން ބައެއް ޝަރީއާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު ތަރައްގީކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ހިމެނެއެވެ.

އަދި މުދަލު ޒަކާތާއި ފިތުރު ޒަކާތް ބަލައިގަތުމާއި ބެހުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމާއި، ޒަކާތުގެ ކަންކަން ޝަރީއާ ބޯޑަކުން ސުޕަވައިޒުކޮށް، ޒަމާނީ ފިގްހުގެ އަލީގައި ކުރިއަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޒަކާތާ ބެހޭގޮތުން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ފުޅާ ދާއިރާއެއްގައި ހޭލުންތެރިކަމުގެ ޕްރޮގުރާމުތައް ހިންގައި، މުދަލު ޒަކާތް ނެރުން ވާޖިބުވާ މީހުންގެ ތެރެއިން މުދަލު ޒަކާތް ނެރޭ އަދަދު ބޮޑުތަނުން އިތުރުކުރުން ހިމެނެއެވެ.

މީގެއިތުރުން ފަގީރުންގެ ގޮތުގައި ދަފްތަރުކުރެވިފައިވާ ފަރާތްތައް މާލީ ގޮތުން ފުދުންތެރި އުފެންދުންތެރި ބަޔަކަށް ހަދައި ދިވެހިރާއްޖެއިން ފަގީރުކަން ނައްތާލުމަށްޓަކައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުންވެސް ހިމެނެއެވެ.