ދ. އަތޮޅު ޕޮލިހާއި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓް ގުޅިގެން ''ސްކޭމް އެވެއާނަސް ވީކް'' ނަމުގައި އެ އަތޮޅުގެ ހުރިހާ ރަށެއްގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މިމަހު 3 އިން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ދ. އަތޮޅު ޕޮލިސް ސްޓޭޝަންތަކަށް ހުށަހެޅޭ ސްކޭމްގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވުމަށާއި ކުރިއަށް މިއޮތް ސްކޫލް ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުން ޑޮލަރު ގަންނަމުންދާނެ ނިސްބަތް އިތުރުވާނެތީއާ އަދި ކުޑަހުވަދޫގައި މޯލްޑިވްސް އިސްލާމިކް ބެންކުގެ ގޮތްޕެއް ހުޅުވައި، ޑޮލަރު ގެ މުއާމަލާތްތައް އޭޓީއެމް މެދުވެރިކޮށް ކުރެވޭގޮތަށް މަގުފަހިވުމާ ގުޅިގެން މިފަދަ މައްސަލަތައް އިތުރުވުމުގެ ފުރުސަތު އޮތުމާއެކު މިފަދަ މައްސަލަތަކުން ރައްޔިތުން ރައްކާތެރިކޮށް ހޭލުންތެރި ކުރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
އަދި އެ އަތޮޅުގައި ދިރިއުޅޭ ދިވެހީންނާއި ބިދޭސީން ރަށްރަށުގައި ގިނަ އަދަދަކަށް ޖަމާވެތިބޭ ތަންތަނަށާއި ގޭބިސީތަކަށާއި އޮޑިދޯނިފަހަރަށް ޒިޔާރަތްކޮށް މައުލޫމާތުދީފައިވެއެވެ. އެގޮތުން، މަކަރާއި ހީލަތުން ފައިސާހޯދުމަށް އެކި ނަންނަމުގައި ގުޅާ މީހުންގެ ކިބައިން ރައްކާތެރިވާނެ ގޮތާއި، އެފަދަ މީހުން އާންމުގޮތެއްގައި ބޭނުންކުރާ އުކުޅުތައް ބުނެދީ އެފަދަ ކަންކަމުން ރައްކާތެރިވާނެގޮތުގެ މައުލޫމާތުދިނުމުގެ އިތުރުން ހޭލުންތެރިކުރުމުގެ މައުލޫމާތު ހިމެނޭ ލީފްލެޓެއްވެސް މި ޕްރޮގްރާމްގައި ދީފައިވެއެވެ.
މީގެއިތުރުން ސަރުކާރުގެ މުއައްސަސާތަކާއި ޖަމުއިއްޔާ ޖަމާއަތްތަކަށް ހާއްސަކޮށްގެން މައުލާުމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ސްކޭމް ކޯލްތަކުގެ ބާވަތްތަކާއި، ޑޮލަރު ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާ މީހުން ބޭނުންކުރާ ބައެއް އުކުޅުތަކާއި، ފޭކް ސްލިޕް ފޮނުވައިގެންނާއި ޕިސިންގ ލިންކުތައް މެދުވެރިކޮށް ހިންގަމުންދާ ސްކޭމްތަކާއި، ފޭސްބުކް އެކްޓިވޭޓް އަދި ޑިއެކްޓިވޭޓް ކުރުމުގެ ނަމުގައި ފޮނުވާ ކޯޑުތަކާއި ޓްރޭޑް ކޮށްދޭނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާގޮތްތަކާ އަދި އީ-ސިމް އާ ގުޅުންހުރި ސްކޭމްގެ މައްސަލަތަކަށް ސަމާލުވުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ.
ފުލުހުން ބުނީ އަދި މިހަރަކާތްތައް ނިންމާލިއިރު ދ. އަތޮޅުގެ 18 އަހަރުންމަތީގެ އާބާދީގެ %50 އަށްވުރެ ގިނަ ރައްޔިތުން ހޭލުންތެރިކޮށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ޕްރޮގްރާމް މިހާ ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ދ. އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލް އަދި ރަށްރަށުގެ ރައްޔިތުންގެ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވެއެވެ.