ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް، ކިއުބާގެ ބޮޑުވަޒީރުގެ ނައިބު އިނޭސް މަރީއާ ޗަޕްމަން ވުއޯއު އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ، އ.ދ. ގެ ނިޒާމުގެ ތެރެއިން ދިވެހިރާއްޖެއާއި ކިއުބާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާކުރުމުގެ މައްޗަށެވެ.
އ.ދ. ގައި ހިމެނޭ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ޖަމިއްޔާ "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ރިޔާސަތު މިހާރު ބަލަހައްޓަމުން އަންނަނީ ކިއުބާއިންނެވެ.
ނައިބު ރައީސާއި ކިއުބާގެ ބޮޑުވަޒީރުގެ ނައިބު ވަނީ، ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާފައެވެ.
މިގޮތުން ފަންނީ އަދި އިގްތިސާދީ ތަރައްގީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި، އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއަރުވާ އ.ދ. ގެ ޖަމިއްޔާ "ހިއުމަން ރައިޓްސް ކައުންސިލް"ގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ .
މީގެއިތުރުން ނައިބު ރައީސް ވަނީ، ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް، ހާއްސަގޮތެއްގައި ޑޮކްޓަރުން ފޮނުވުމާއި، ސިއްހީ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ފުރުސަތުތައް ފަހިކޮށްދެއްވަމުން ގެންދަވާތީ އެކަމަށްޓަކައި ކިއުބާގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކިއުބާއިން ރާއްޖޭގެ އިޖްތިމާޢީ-އިގްތިސާދީ ދާއިރާ ފަދަ މުހިންމު ދާއިރާތައް ތަރައްގީކުރުމަށް އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ބޮޑުވަޒީރުގެ ނައިބު ވަނީ ނައިބު ރައީސަށް އަރުވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ކުރިއަށް އޮތް ދުވަސްތަކުގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ދެ ބޭފުޅުންވެސް އުންމީދުކުރައްވާކަމުގައި ވިދާޅުވަމުންނެވެ.
ސްވިޒަރލެންޑްގެ ޖެނީވާއަށް ނައިބު ރައީސް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ދިވެހިރާއްޖެއާއި ކިއުބާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 29 ޖެނުއަރީ 1977 ގައެވެ.