''ސްޓްރެސް އެންޑް ޓްރޯމާ އިން ޕޮލިސިންގ'' ގެ ނަމުގައި ފްރަންޓްލައިން ފުލުހުންނަށް ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުންގެ ހިދުމަތުގެ ވޯކްފޯސް ހެލްތް އެންޑް ވެލްބީންގ އާއި ދަ ވައިބް ޖަމުއިއްޔާ ގުޅިގެން ފެށި މި ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި މަހު 10 ވަނަ ދުވަހުއެވެ.

ފުލުުހުން ބުނީ ފްރަންޓް ލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ހާއްސަކޮށްގެން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ "ޓީ އެންޑް ޓޯކް" ކޮންސެޕްޓުގެ ދަށުން ކަމަށެވެ. އަދި މި ޕްރޮގުރާމުގައި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން، ފުލުހުން ނަފްސާނީ ދުޅަހެޔޮ ބަޔަކަށް ވުމުގެ މުހިންމުކަން، ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުން ތަހައްމަލްކުރަމުންދާ ތަފާތު ވައްތަރުގެ ޓްރޯމާތައް އަދި އެ ޓްރޯމާއިން އަރައިގަތުމަށް ބޭނުންކުރެވިދާނެ ބައެއް އުކުޅުތައް ކިޔައިދީ ތަފާތު އެކި މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ޕްރޮގްރާމުގައި މައުލޫމާތުދެއްވީ އެންލައިޓް އަ މައިންޑްފުލް ކޮމިއުނިޓީގެ ފެސިލިޓޭޓާރުންނާއި ދަ ވައިބް ޖަމުއިއްޔާގެ ފެސިލިޓޭޓަރުންނެވެ. އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ހުރިހާ ޑިޕާޓްމަންޓް ހިމެނޭހެން 27 މުވައްޒަފުން މި ޕްރޮގްރާމްގައި ބައިވެރިވިއެވެ. ހަމައެއާއެކު ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ ނަފްސާނީ ދުޅަހެޔޮކަން މޮނިޓަރކުރުމަށް ވޯކްފޯސް ހެލްތް އެންޑް ވެލްބީންގ އިން ދަނީ އިތުރު ސެޝަންތަކެއް ހިންގުމަށް ވެސް މަސައްކަތްކުރަމުންނެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ ފުލުހުންނަށް ކުރިމަތިވާ ޓްރޯމެޓިކް ހާދިސާތަކުން ފަސޭހައިން އަރައިގަތުމަށް ދަސްކޮށްދިނުމާއި ފުލުހުންގެ ރެޒިލިއަންސް ވަރުގަދަކުރުމެވެ.