ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހުއްމަދު ލަތީފް، ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއު.ޓީ.އޯ.)ގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ އުންގޯޒީ އޮކޮންޖޯ އިވެއެލާ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާރޖް މުހައްމަދު ހުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ނައިބު ރައީސް ވަނީ، ޑަބްލިއު.ޓީ.އޯ. އިން ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވާ ފަންނީ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި، ރާއްޖެއިން އޮތީ އިތުރަށް އެ ގުޅުން ބަދަހިކުރުމަށާއި ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށްކަން ފާހަގަކުރައްވާފައެވެ. އަދި ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ މުހިންމުކަމާއި ރާއްޖެއަށް ބޭރުގެ ސީދާ އިންވެސްޓްމަންޓްތައް އިތުރަށް ގެނައުމުގެ މުހިންމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ޑަބްލިއު.ޓީ.އޯ. ގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ކުރިމަގުގައި ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ޑަބްލިއު.ޓީ.އޯ. ގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހުނީ 1995 މެއި 31 ގައެވެ