ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ދިވެހިރާއްޖޭގެ ގާނޫނީ ދާއިރާގެ މެންބަރުކަމަށް، އަލްއުސްތާޒް އަލީ އަބްދުއްލަތީފް، ގއ. ވިލިނގިލި، ބީޗުހައުސް، މިއަދު އައްޔަނުކުރައްވައިފިއެވެ.

އެމަނިކުފާނު މި މަގާމަށް އައްޔަނުކުރައްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އަލްއުސްތާޒް އަލީ އަބްދުއްލަތީފް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރެއްވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި، ގާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރާއި، ގާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އިންތިހާބުކުރާ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުންނެވެ.

މީގެއިތުރުން އެމަނިކުފާނަށް ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް ޑޮކްޓަރ މުހައްމަދު އިބްރާހީމެވެ. އަދި މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް އަލީ އަބްދުއްލަތީފަށް ވަނީ ހަވާލުކޮށްދެއްވާފައެވެ.