ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ކުރީގެ ސްޓޭޓު މިނިސްޓަރ އޮފް އެޑިޔުކޭޝަން އަހުމަދު ރިޔާޒު ނިންމަވައިފިއެވެ.
އޭނާ ރޭ ވިދާޅުވީ އެ ގޮނޑިއަށް ކުރިމަތި ލައްވަނީ އަމިއްލަ ގޮތުން ކަމަށެވެ. "ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގައި ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާން އަޅުގަނޑު ނިންމައިފިން. ވާދަ ކުރާނީ އަމިއްލަ ގޮތުން،" ރިޔާޒު ވިދާޅުވިއެވެ. އަހުމަދު ރިޔާޒު ވިދާޅުވީ މިހާރު އޭނާ ގެންދަވަނީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ކުރައްވަމުން ކަމަށެވެ.
ތިމަރަފުށީ ދާއިރާގެ މަޖިލީސް ގޮނޑި މިހާރު ފުރުއްވަމުން ގެންދަވަނީ އަހުމަދު ރިޔާޒުގެ ކޮއްކޮ، އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒެވެ.
ތިމަރަފުށީ ދާއިރާގައި ހިމެނެނީ ތިމަރަފުށީގެ އިތުރުން ވޭމަންޑޫއެވެ.
އަހުމަދު ރިޔާޒަކީ ތިމަރަފުށީ ދާއިރާއަށް ތައުލީމީގޮތުން ވިއްސަކަށް އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ ޚިދުމަތްތެރިއެކެވެ. އެ މުއްދަތުގައި އޭނާ ވަނީ ދާއިރާގެ ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދަވައިފައެވެ.