ބައިނަލްއަގުވަމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތާއި، ޔުނިސެފް މޯލްޑިވްސް ގުޅިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ހަރަކާތްތައް އއ. އުކުޅަހުގައި ފަށައިފިއެވެ.

މި ހަރަކާތްތައް އިއްޔެ އުކުޅަހުގައި ފަށާފައިވަނީ ''ޗައިލްޑް ސޭފް ޓޫރިޒަމް'' ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މައުލޫމާތު ދިނުމުގެ ޕްރޮގްރާމް އިންނެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމަކީ ފަތުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން، ދިވެހިރާއްޖޭގެ ކުޑަކުދިންނަށާއި ދިވެހިރާއްޖެއަށް ދަތުރުކުރާ ކުޑަކުދިންނަށް ރާއްޖޭގައި އަމާން ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ތަފާތު އެކި މައުލޫމާތު މި ޕްރޮގްރާމްގެ ތެރެއިން ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން ކުޑަކުދިންގެ ދުވަހާ ގުޅިގެން މި އަހަރު އުކުޅަސް އަދި އއ. އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން ގިނަ ހަރަކާތްތަކެއް ޑިސެމްބަރު 12 އިން 21 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ކުދިންނާ ގާތުން، ރަށުތެރެ ސާފުކުރުމުގެ ހަރަކާތް، ފަން ރަން، ވޯޓަރ ސްޕޯޓް، ބިލްބޯޑު އިފްތިތާހުކުރުން، ކުޑަކުދިންގެ ހަވީރު އަދި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އަދި މި ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް މިއަހަރު ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ހިދުމަތާއި، ޔުނިސެފް މޯލްޑިވްސް، އުކުޅަހު ކައުންސިލް އަދި ރަށުގެ އެހެނިހެން މުއައްސަސާތަކާއި ޖަމުއިއްޔާތައް ގުޅިގެންނެވެ.

ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުލަގަދަކޮށް ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.