ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ގްރޫޕް ސީ.އީ.އޯ. ޝައިހް މުހައްމަދު ބިން އަބްދުﷲ އަލް ތާނީ އަދި އުރީދޫ ގްރޫޕްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސްގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިން އުރީދޫއިން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ފުރިހަމަ ހިދުމަތް ފާހަގަކުރައްވައި އުރީދޫގެ ރާއްޖޭގެ ގޮފީގެ ޓީމު ހިމެނޭހެން އުރީދޫ ގްރޫޕުގެ ލީޑަރޝިޕަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި މި ދެބޭފުޅުން ވަނީ ރާއްޖެއާ އުރީދޫ ގްރޫޕުން އިސްކަންދޭ އަދި ގުޅިގެންގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުންނާއި ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީ.އީ.އޯގެ ވާހަކަފުޅުގައި އުރީދޫ ގްރޫޕުގެ ސީ.އެސް.އާރުގެ ދަށުން ރާއްޖޭގައި ކުރިޔަށްގެންދާ މަސައްކަތްތަކާއި ހަރަކާތްތަކަށް އަލިއަޅުވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ރާއްޖޭގެ ރައްޔިތުންނަށް ލިބިދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.