އަންނަ އަހަރަށް ލަފާކޮށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓާއެކުއެވެ.
އަންނަ އަހަރަށް ލަފާކޮށް މިދިޔަ ސަރުކާރުން ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ކޮމިޓީން ވަނީ ބަޖެޓަށް 306 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ.
ކޮމިޓީން ނިންމި ގޮތަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހީ އެއަށް އިތުރު އިސްލާހެއް ހުށަހަޅާފައިނުވާތީއެވެ.
49.8 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރިއިރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އޮތީ އެގޮތަށް ބަޖެޓް ފާސްކުރަން ތްރީލައިން ވިޕެއް ވެސް ނެރެފައެވެ.
ބަޖެޓު ހުށަހެޅިއިރު ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ފުށިދިއްގަރުފަޅު ހިއްކަން ވަނީ 400 މިލިއަން ރުފިޔާ ހިމަނައިފައެވެ. އެއީ ކޮމިޓީ މަރުހަލާގައި ކޮމިޓީން އުނިކޮށްފައިވާ ފައިސާއެވެ.
2023 ވަނައަހަރަށް ފާސްކުރީ 42.8408 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ނަމަވެސް އަހަރުތެރޭގައި ބައެއް ސަބްސިޑީތަކަށާއި އާސަންދައަށް ކުރަން ޖެހުނު ހަރަދު އިތުރުވެ، ޕީއެސްއައިޕީ މަޝްރޫއުތައް އަންދާޒާ ކުރި މިންވަރަށްވުރެ ބާރަށް ހިނގަމުން ދިއުމުގެ ސަބަބުން މިބައިގެ ހަރަދު އަންދާޒާ ކުރި މިންވަރަށްވުރެ އިތުރުވާނެކަމަށް ބެލެވޭތީ 6.5093 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ވަނީ ހުށަހަޅާފައެވެ.
ވުމާއެކު މި އަހަރުގެ ޖުމްލަ ބަޖެޓަކީ 49.35 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ހަރަދުގެ ގޮތުގައި 47.2 ބިލިއަން ރުފިޔާ ހިމެނޭއިރު މިއީ 2022 ވަނައަހަރާ އަޅާބަލާއިރު 17.9 އިންސައްތައިގެ އިތުރުވުމެކެވެ.
2023 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނޭކަމަށް ލަފާކޮށްފައި ވަނީ 31.951 ބިލިއަން ރުފިޔާ އެވެ. މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 11.9 އިން ސައްތަ އިތުރު އަދަދެކެވެ. އަދި 2019 ވަނަ އަހަރާ އަޅާ ބަލާއިރު މިއަހަރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ 44.7 އިން ސައްތަ އިތުރު އަދަދެކެވެ.