ނ. މިލަދޫ ހިދާޔާ ސްކޫލުގެ ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
ފުލުހުން ބުނީ މިލަދޫގައި މިއަދު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާާމަކީ ދަރިވަރުންނަށް އަމާން މުޖުތަމައެއް ބިނާކޮށް ހަރުދަނާ ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ނ. އަތޮޅު ޕޮލިހާއި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި އެންލައިޓެން އަ މައިންޑްފުލް ކޮމިއުނިޓީ އަދި މިލަދޫ ކައުންސިލު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.
މީގެއިތުރުން ދިރިއުޅުމުގައި އަމިއްލައަށް ކަންކަން ކުރުމުގެ މުހިންމުކަމާއި، ކަންކަން ދަސްކުރާނެ ގޮތްތައް ދަރިވަރުންނަށް މި ޕްރޮގްރާމްގައި ކިޔައިދީފައިވެއެވެ. އަދި ދިރިއުޅުމުގެ ކޮންމެ ދުވަހަކީ ވެސް މުހިންމު ދުވަހެއްކަމާއި އުޖާލާ އުފާވެރި މުސްތަގުބަލެއް ދަރިވަރުންނަށް ލިބޭނީ އަމިއްލައަށް ކަންކަން ކޮށްގެންކަން ހަނދާންކޮށްދީފައިވެއެވެ. އަދި ކޮންމެ ދަރިވަރަކު ވެސް ގޭތެރޭގައި އުޅޭއިރު އެކި މަސައްކަތްތައް ކުރުމަށް އާދަކުރުމަށާއި ސްކޫލާއި ސްކޫލުން ބޭރުގައިވެސް ތިމާއަށް ވުރެ ބޮޑެތި މީހުންނަށާއި ކުޑަކުދިންނަށް ވެސް އިހުތިރާމުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މީގެ އިތުރުން، ރިވެތި ބަހުން މުއާމަލާތު ކުރުމަށާއި ކޮންމެ ކަމެއްގައި ވެސް ރިވެތިގޮތް އިހުތިޔާރު ކުރުމާއި މުޖުތަމައަށް ބޭނުންހިފޭ ރަނގަޅު ކުދިބަޔަކަށް ވުމަށާއި ދީނީ ކަންކަމަށް ސަމާލުކަން ދިނުމަށް ނަސޭހަތްތެރި ވެފައިވެއެވެ. އަދި ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކުރިމަތިލާނެ ގޮތްތަކާއި އަމިއްލަ ނަފްސު ދެނެގަންނަން މަސައްކަތްކުރާނެ ގޮތްތަކުގެ މައުލޫމާތާއި ކަންކަމުގައި ގޮތް ނިންމާއިރު ވިސްނަންޖެހޭ ކަންކަމާ ގުޅޭ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.
އެ ޕްރޮގްރާމުގައި ހިދާޔާ ސްކޫލުގެ ގްރޭޑް 6 އިން މަތީގެ 42 ފިރިހެން ދަރިވަރުންނާއި 55 އަންހެން ދަރިވަރުން ބައިވެރިވިއެވެ.