އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި މަރަދުއާއި މެދުވަލު އެފްސީ ބައްދަލު ކުރި މެޗު މެދުވަލީ އެފްސީން ކާމިޔާބު ކޮށްފިއެވެ.
މެދުވަލު އެފްސީން މިމެޗު ކާމިޔާބު ކުރީ 3-4 ގެ ނަތީޖާ އަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެޓީމުންވެސް ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން މެޗުގެ ކުރީކޮޅުގައި ދެޓީމުން ލިބުނު ފުރުސަތުގެ ބޭނުން ހިފައި ގޯލް ވަނީ ޖަހާފައެވެ.
މެޗުގެ ފުރަތަމަ ގޯލު ޖެހީ މަރަދޫ ޓީމުގެ ޖާޒީ ނަމްބަރު 7 އަހުމަދު ތަލާލްއެވެ. އޭގެ މާގިނަ އިރުތަކެއް ނުވެ މެދުވަލު އެފްސީގެ ޖާޒީ ނަމްބަރު 5 މުހައްމަދު މަމްނޫން ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ހާފް ނިމުމާ ގާތަށް ގޮސްފައި ހުއްޓާ މަރަދޫ ޓީމުގެ ޖާޒީ ނަމްބަރު 9 ވިޝާން ހަބީބު ވަނީ ލަނޑެއްޖަހައި ލީޑޫ ނަގައިފައެވެ. ނަމަވެސް ހާފު ނިމުމުގެ ކުރީން މެދުވަލު އެފްސީގެ ޖާޒީ ނަމްބަރު 12 އަހުމަދު ހާމީ ވަނީ އަނެއްކާވެސް ނަތީޖާ އެއްވަރު ކޮށްދީފައެވެ.
ދެވަނަ ހާފުގައި ދެ ޓީމުންވެސް ކުޅެން ނުކުތީ މެޗުން މޮޅުވުމުގެ ޢަޒުމުގައެވެ. އެގޮތުން ރަނގަޅު ހަމަލާ ތަކެއް މަރަދޫ ޓީމުން މިހާފުގައި އުފެއްދިއެވެ. ނަމަވެސް ޓީމަށް އެންމެ އެކަށީގެންވާ ގޮތަކަށް އެހަމާލާތައް ނިންމާނުލެވެއެވެ. މިގޮތުން މަރަދޫ ޓީމުގެ އަހުމަދު ތަލާލަށް ލިބުނު ބޯޅަތައް ފާހަގަ ކުރެވެއެވެ. މިހާފުގައި މެދުވަލު އެފްސީން މަސައްކަތް ކުރީ ކައުންޓަރ އެޓޭކުގައި ސްކޯ ކުރާށެވެ. އެގޮތުން ބޯޅަ ހިފަހައްޓައިގެން ކުރިއަށް ދީގެން އެޓީމު ކުޅުނު އިރު ހާފުގައި ޖެހި ހަމައެކަނި ލަނޑު މެދުވަލު އެފްސީ އަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ މުހައްމަދު ރަފާހްއެވެ. މި ނަތިޖާއާ އެކު ކުޅުނު ދެމެޗުން ވެސް މަރަދޫ އެފްސީ ވަނީ ބަލިވެފައެވެ. ނަމަވެސް އިތުރު ދެ މެޗު އޮތުމުން އަދި ކުރިއަށް ދިއުމުގެ ފުރުސަތު އެޓީމަށް ނުގެއްލެއެވެ. ދެން މިގްރޫޕުގައި އޮތް ފޭދޫ ސްޕޯޓްސް ވަނީ ކުޅުނު ފުރަތަމަ މެޗުން 3 ޕޮއިންޓް ކަށަވަރު ކޮށްފައެވެ. އެހެން ކަމުން މެދުވަލު އެފްސީ އާއި ފޭދޫ ޓީމު ޕޮއިންޓުގެ ގޮތުން ވަނީ ހަމަހަމަ ވެފައެވެ.
މިމުބާރާތުގައި މާދާމާ ކުޅޭނީ ގުރޫޕް އޭ ގެ މެެޗެކެވެ. ބައްދަލު ކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ބޭރުމަތި އަދި އެފްސީ ޒެފިޔާއެވެ. މިމެޗު ފަށާނީ ހަވީރު 4:00 އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައިއެވެ.