ދިވެހި ފުލުހުންގެ ހިދުމަތާއި، ޔުނިސެފް މޯލްޑިވްސް ގުޅިގެން، ބައިނަލްއަގުވަމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކު ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އއ. އުކުޅަސް ރަށުތެރެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ، (ހުކުރު ދުވަހު) ހެނދުނު ކުރިއަށް ގެންދިޔަ މި ހަރަކާތް ފެށުމުގެ ގޮތުން، ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުމުގެ ގޮތުން އެއްމިނެޓުގެ ސްކޫތެއް ގެނެސްފައެވެ. މި ހަރަކާތުގައި ރަށުގެ ހުސްބިންތަކާއި ކުޅިވަރުކުޅޭ ދަނޑުތަކުގައި ހުރި ޕްލާސްޓިކް ފުޅިއާއި ދަޅު އަދި ކޮތަޅުފަދަ ތަކެއްޗާއި އެހެނިހެން ކުނިބުނި ނަގައި ސާފުކޮށްފައިވެއެވެ.

މި އަހަރުގެ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އުކުޅަސް އަދި އއ. އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން ގިނަ ހަރަކާތްތަކެއް ޑިސެމްބަރު 12 އިން 21 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ފަން ރަން، ވޯޓަރ ސްޕޯޓް، ބިލްބޯޑު އިފްތިތާހުކުރުން، ކުޑަކުދިންގެ ހަވީރު އަދި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް މިއަހަރު ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔުނިސެފް މޯލްޑިވްސް، އުކުޅަހު ކައުންސިލް އަދި ރަށުގެ އެހެނިހެން މުއައްސަސާތަކާއި ޖަމުއިއްޔާތައް ގުޅިގެންނެވެ.