އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ގއ. ވިލިނގިލި އަދި ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ ބަނގުރާ ނައްތާލާފައިވަނީ އެ ފަރާތުގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

އެގޮތުން، ވިލިނގިލި ޕޮލިސް ސްޓޭޝަނުން ޑިސެމްބަރު 14 ވަނަ ދުވަހު ނައްތާލާފައިވަނީ 100 ފުޅި ބަނގުރަލާއި 40 ދަޅު ބަނގުރަލެވެ.

މީގެއިތުރުން މިތަކެއްޗަކީ މި ދިޔަ މަހުގެ 1 އިން މިމަހުގެ 2 އަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ޑިސެމްބަރު 14 ވަނަ ދުވަހު ނައްތާލާފައިވަނީ 58 ފުޅި ބަނގުރަލާއި 166 ދަޅު ބަނގުރަލެވެ.

ފުލުހުން ބުނީ މިތަކެއްޗަކީ އެޕްރީލް 2022 އިން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 އިން ޑިސެމްބަރު 2 އަށް ދާލު އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.