އުތުރު ރަށަކަށް ނިސްބަތްވާ މުޙައްމަދާއި ފާތުމަ 1990 ވަނަ އަހަރު މާލެ އަށް ދިރި އުޅުން ބަދަލުކުރީ ދަރިންނަށް ރަނގަޅު ތަޢުލީމެއް ހޯދައިދިނުމަށެވެ. މި ދެމަފިރިންނަށް ލިބިފައިވާ ތިން ދަރިންގެ މުސްތަޤުބަލަށް ޓަކައެވެ. ބުރަ މަސައްކަތްކޮށްގެ ދަރިންނަށް ތަޢުލީމު އުނގަންނައިދީ ތާހިރު ދިރިއުޅުމެއް އުޅުމަށް މި ދެމަފިރިން ދަރިންނަށް ދަސްކޮށްދިނެވެ.

މިހާރު ފަންސާހުގެ އަހަރުތައް ގުނަމުންދާ މުހައްމަދާއި ފާތުމަގެ ބޮޑު ދެދަރިން މީހުނާ އިނދެ ވަކި ދިރި އުޅުމެއް ފަށައިފިއެވެ. އެންމެ ހަގު މީހާވެސް ކިޔަވައި ނިންމައިގެން ވަޒީފާއަކަށް ދާން ފަށައިފިއެވެ. އެހެންކަމުން މުޙައްމަދާއި ފާތިމައާ ދެމީހުނަށް އެކަކު އަނެކަށް ދޭނެ ވަގުތު ލިބެއެވެ.

އެއްރެއަކު ކާން އިނދެފައި ފާތުމަ ބުނެފިއެވެ. މުޙައްމަދާއެވެ. އަހަރެމެންވެސް ކަސްރަތަށް ހިނގަން ދާން ފަށަމާ ހިނގާށެވެ. އެހެންނޫނީ އެހެންމީހުން ގޮތަށް އަހަރެމެންވެސް ކާޑުގެ ބާވަތްތައް މައްޗަށް ދާންފަށާފާނެއެވެ. މުޙައްމަދު ބުންޏެވެ. އާނއެކެވެ. ތިޔަކަން ކުރަން ހިނގާށެވެ. އެކަމަކު ބޫޓު ގަންނަން ޖެހޭނެ ނޫންހެއްޔެވެ؟ ދެން ދެމީހުން ސައްލާކޮށް އަނެއްރޭ ބޫޓު ގަނެފިއެވެ.

ބޫޓް ގަނެގެން އެރޭ ފަތިހު ފަތިސް ނަމާދަށްފަހު މުޙައްމަދާއި ފާތުމަ ހިނގަން ނުކުމެއްޖެއެވެ. ބޮޑުތަކުރުފާނުމަގުން ކާނިވާ ސަރަޙައްދުން ހިނގަމުން ދިޔައިރު ފާތުމަ ގުނބުހިއްލާ ވަރަށް ބާރަށް ހިނގަމުން ދިޔައިރު މުޙައްމަދު ހިނގަން ޖެހެނީ އާދައިގެ މަޑުމިނެއްގައެވެ. ވާހަކަދައްކަމުން ހިނގަމުން ވަކި ހިސާބަކަށް ދިޔަތަނާ މުޙައްމަދު ދައްކާ ވާހަކަތަކަށް ފާތުމަ އިޖާބަ ނުދޭކަން ފާހަގަ ކުރެވިއްޖެއެވެ. ފާތުމަ އަނގައިން ބުނާއަޑު ނީވުނީމާ މުޙައްމަދު ފަސްއެނބުރި ބަލައިލިއެވެ. ކަމަކުދާކަންނެތެވެ. ފާތުމަ ޖެހުނުތާ ލަކުނުވެސް ފެންނާކަން ނެތެވެ. ކަންތަކާ ދިމާވީއޭ ހިތާ މުޙައްމަދު އަވަސް އަވަހަށް ފާތުމަ ހޯދުމަށް އައި ކޮޅަށް ހަރުކޮށް ހިނގަންފަށައިފިއެވެ.

ތަންކޮޅަކަށް ދިޔަތަނާ މަގުމަތީގައި ވައްބުރަކަށް ވާގޮތަށް ވަށައިގެން މީހުންތަކެއް އެއްވެ ތިބިތަން ފެނިއްޖެއެވެ. ވެގެން އުޅޭ ގޮތް ބަލާލަން ކައިރިވިއިރު ކަމަކުދާކަށް ނެތެވެ. ފާތުމަ މި އިނީ އެންމެންގެ މެދުގައި އިށީނދެ އިންގޮތަށް އިނދަޖެހިފައެވެ. މުޙައްމަދު މީހުންތައް ފެއަށް ޖައްސަމުން ކައިރިވެ ފާތުމަގެ ދެއަތުގައި ހިފައި ދަމާ ނަގައިފިއެވެ. ފާތުމަ ކޮޅަށް ނެގިއިރު މުޅި ގައިގައި އޮތީ ޗަކައެވެ. އެންމެން ދުރަށް ޖެހިލިމުން "ފާތުމާ" މުޙައްމަދު ދިގު ރާގަކަށް ބުންޏެވެ. ކަސްރަތަށް ހިނގިޔަސް ފައިދަށް ބަލަންވާނެ ނޫންހެއްޔެވެ؟ އަނެއްކާ އަރިކައްޓަށް ތަނަކަށް ތަދެއް ނާރާހެއްޔެވެ؟ ފާތުމަ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. މުޙައްމަދު ބުންޏެވެ. ދެން ގެޔަށް ދަމާ ހިނގާށެވެ. މިއަދު މިއޮތީ ހިނގި ފައެވެ. ކާރަކަށްވެސް އެރޭކަން ނެތްތާއެވެ. ތިޔަހުރީ މީހާ ހުރި ސިފައެވެ. ފާތުމަ އަނގައިންވެސް ނުބުނެ މުޙައްމަދާ އެކު އެނބުރި ގެއަށް ހިނގައްޖެއެވެ. އޭގެ ފަހުން ކަސްރަތަށް ހިގަންދާ ވާހަކައެއް ފާތުމަ ނުދައްކައެވެ.