ޗައިނާއަށް ރޭ ކުރިމަތިވި ބިންހެލުމެއްގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ރޭގެ ދަންވަރު ވަގުތެއްގައި ޗައިނާގެ ގަންސޫއަށް ވަނީ ވަރަށް ވަރުގަދަ ބިންހެލުމެއް އައިސްފައެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭ އިން މައުލޫމާތުދޭ ގޮތުގައި މި ބިންހެލުމަކީ 5.9 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. ނަމަވެސް ޔޫރަޕުގެ މެޑިޓެރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނަނީ މީ 6.1 މެގްނިޓިއުޑްގެ ބިންހެމެއް ކަމަށެވެ.

ގަންސޫގެ ކަމާބެހޭ އިދާރާތަކުން މައުލޫމަތުދޭ ގޮތުގައި މި ބިންހެލުމުގެ ސަބަބުން 105 މީހުން ވަނީ މަރުވެފައެވެ. އަދި 397 މީހުން ވަނީ ޒަހަމްވެފައެވެ. މީގެ އިތުރުން 4،700 އަށް ވުރެގިނަ އިމާރާތް ވަނީ މި ކާރިސާގެ ހަލާކުވެފައެވެ.

ޗައިނާގެ އޮތޯރިޓީ ތަކުން މި ކާރިސާގައި ވީހާވެސް ގިނަމީހުން ސަލާމަތް ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ދަނީ ކުރަމުންނެވެ. މިގޮތުން މިހާރު ޗައިނާގެ ގަންސޫގައި 1،500 އަށް ވުރެގިނަ ފަޔާފައިޓަރުން ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި 300 އަށް ވުރެގިނަ ސިފައިންނާއި ފުލުހުންވެސް ދަނީ ގަންސޫގައި ހަރަކާތްތެރި ވަމުންނެވެ.