ވ. ފުލިދޫ ޕޮލިސް ޕޯސްޓު ހުޅުވައި އެ ރަށުގައި ގާއިމުވެތިވެ ފުލުހުންގެ ހިދުމަތްދޭން ފަށައިފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފުލިދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ އެކްޓިންގ ކޮމިޝަނަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފެލިދެ އަތޮޅު ކައުންސިލު ރައީސް ޝުޖާޢު އަލީއެވެ.

މި ރަސްމިއްޔާތުގައި، ލޯކަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުޙައްމަދު، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން، ނޯތު ސެންޓްރަލް ޕޮލިސް ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް، ވ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަންވަރު އަހްމަދު އަދި ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި ފުލިދޫ ކައުންސިލް ރައީސް މުޙައްމަދު އިމްތިޔާޒްގެ އިތުރުން ކައުންސިލް މެމްބަރުން ބައިވެރިވެލެއްވިއެވެ.

މީގެއިތުރުން އޮކްސިލަރީ ސަރވިސްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ތާރީހުގެ ތެރެއަށް ނަޒަރު ހިންގައިލާއިރު، އިބްނުބަތޫތާ އާއި ޕިރާޑް ފަދަ ބޭފުޅުން ދިވެހިރާއްޖެ ސިފަކޮށްފައިވަނީ ވަރަށް އަމާން އޮމާން ގައުމެއްގެ ގޮތުގައި ކަމަށާއި މި އަމާންކަމާއި ރައްކާތެރިކަން ދިވެހިރާއްޖޭގައި ގާއިމުވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ގައުމުގެ އިގްތިސާދީ ސިނާއަތް ބަރޯސާވެފައި ވަނީ ފަތުރުވެރިކަމަށްވާއިރު ފަތުރުވެރިންގެ ތެރޭގައި ހިނގާ ތަފާތު ކުށްތަކާއި، ފަތުރުވެރިކަމުގެ ތެރޭގައި ހިނގާ ނޭއްގާނީ އަމަލުތައް ކަމުގައިވިއަސް އެފަދަ ކަންކަން ބަންދުކުރާނެ ދޮރެއް ގެސްޓުހައުސް ހުންނަ ކޮންމެ ރަށެއްގައި ހުންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މިގޮތުން ވ. އަތޮޅަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު އަތޮޅެއްކަމަށާއި ފުލިދުއަކީ ވެސް ގެސްޓުހައުސް ވިޔަފާރި ފުޅާވަމުންއަންނަ ރަށަކަށްވާއިރު މި އިފްތިތާހު ކުރެވިގެންދިޔަ ޕޮލިސް ޕޯސްޓުގެ ސަބަބުން އަތޮޅުގެ ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި އަމާން މާހައުލެއް ކަށަވަރު ކޮށްދިނުމަށް ގާނޫނު ތަންފީޒުކުރަން ތިބޭ މީހުންގެ އެހީ ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޒަމާނަށް އަންނަ ބަދަލުތަކާއެކު ތަރައްގީއާއި ތަމައްދުންގެ ރޭހުގައި މިގައުމު ކުރިއަރައިދާއިރު ގައުމުގެ އަފްރާދުންގެ މެދުގައި އޮންނަ މި އެއްބައިވަންތަކަމާއި އެކުވެރިކަމަށް ބުރޫއަރާ މިފަދަ ރިވެތި އާދަތައް ފަނޑުވަމުންދާތަން ފެންނަކަމަށްވެސް ވިދާޅުވިއެވެ.

އަދި މުޖުތަމައަކީ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމުވެފައިވާ މުޖުތަމައުތަކަކަށް ހެދުމަށްޓަކައި ފުލުހުންގެ ހިދުމަތަކީ އެންމެ މުހިންމު ހިދުމަތްކަން ފާހަގަކުރައްވައި މި ހިދުމަތް އެންމެ ފުރިހަމަކަމާއެކީ ފޯރުކޮށްދެވޭނީ ޒަމާނާ އެއްވަރަށް ކުރިއަރައި، އުމްރާނީ ތަރައްގީއާއި ވަސީލަތްތަކުގެ އަދަދު އިތުރުވެގެން ރައްޔިތުންގެ ބައިވެރިވުން ހިމެނިގެން ކަމަށް ވިދާޅުވިއެވެ.