ރާއްޖޭގައި ތިބި އިޒްރޭލުގެ ރައްޔިތުން ރާއްޖެ ދޫކޮށް ދިއުމަށް އިޒްރޭލުގެ ފޮރިން މިނިސްޓްރީން މިއަދު އަންގައިއެވެ.
މި އެންގުން އަންގައި އިއުލާންކޮށްފައި ވަނީ އިޒްރޭލުގެ ފޮރިން މިނިސްޓްރީން ނެރުނު އިންޒާރުގެ ބަޔާނެއްގައެވެ.
އެ ބަޔާނުގައި ރާއްޖޭގައި މި ދުވަސްވަރު ވަރަށް ބޮޑަށް އެ ގައުމާ ދެކޮޅު ޝުއޫރުތައް އިތުރުވެފައިވާކަމަށާއި ދިވެހި އޮފިޝަލުން ވެސް އިޒްރޭލާ ދެކޮޅަށް އާންމު ތަންތަނުގައި ވާހަކަ ދައްކަމުން އަންނަކަން ހާމަކޮށްފައިވެއެވެ. (އޮފިޝަލުން ކަމަށް އިޒްރޭލުގެ ފޮރިން މިނިސްޓްރީން އިޝާރާތް ކުރަނީ ކޮން ބަޔަކަށް ކަމެއް ސާފުނުވިޔަސް، ބެލެވޭ ގޮތުގައި އިޒްރޭލުން އެ އިޝާރާތް ކުރަނީ ރާއްޖޭގެ ވެރިންނަށް ތިއްބެވި ބޭފުޅުންނަށެވެ.) އެހެންކަމުން، އިޒްރޭލުގެ ރައްޔިތުން ރާއްޖެ އަށް އެތެރެވުން ހުއްޓާލަން ޖެހޭ ކަމަށާއި ރާއްޖޭގައި ތިބި އިޒްރޭލުގެ ރައްޔިތުން ވެސް ރާއްޖެ ދޫކޮށް ދިއުމުގެ ވިސްނުން ގެންގުޅެން ޖެހޭ ކަމަށް އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ހަމައެހެންމެ ރާއްޖޭގައި ތިބި އިޒްރޭލުގެ ރައްޔިތުން އެހީތެރިކަން ބޭނުން ވިޔަސް، ފޮރިން މިނިސްޓްރީން އެމީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ. "ޓައިމްސް އޮފް އިޒްރޭލު" ނޫހުން ފާހަގަ ކުރާ ގޮތުގައި ރާއްޖެ އާއި އިޒްރޭލާ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައެއް ނުވެއެވެ. އެކަމަކު، އިޒްރޭލު ރައްޔިތުން ރާއްޖެއަށް ޒިޔާރަތް ކުރުމަށް ހުރަހެއް ނެތް ކަން ވަނީ ފާހަގަކޮށްފައެވެ.
އިޒްރޭލުގެ ރައްޔިތުން ރާއްޖޭގެ އިތުރުން މުސްލިމް ގައުމުތަކަށް ދަތުރު ކުރުން ހުއްޓާލަން މީގެކުރިން އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވަނީ ގޮވާލައިފައެވެ.
އިޒްރޭލުގެ ރައްޔިތުން ރާއްޖެ ނާންނަން އެންގީ، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ އަނިޔާވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުން މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދިޔަ މުޒާހަރާތަކުގެ ސަބަބުންނެވެ..
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު މަހު ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ރާއްޖޭގެ ނަމުގައި ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން ތަހުގީގު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ރައީސްގެ އެމެސެޖުގައި ވަނީ އިޒްރޭލުން ފަލަސްތީނަށް ގަދަކަމުން ވެރިވެގަނެ، އެ ގައުމުގައި ކުރަމުން ގެންދާ ހަނގުރާމަ އާއި، ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރިކަން، ރާއްޖޭގެ ރައްޔިތުންނާއި ދިވެހި ސަރުކާރާއި، އަދި ރައީސްގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.