މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިން ހޮޅިދަނޑިއެއް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ރޭގައި ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އަންހެނަކަށް ކަމަށެވެ. އަދި އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ބުންޏެވެ.

މީގެއިތުރުން ފުލުހުން ބުނީ ރޯޝަނީ މަގުގައި ހުރި ހަދަމުންދާ އިމާރާތަކުން ހޮޅިދަނޑިއެއް ވެއްޓި, އަންހެނަކަށް އަނިޔާވެގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ ރޭ 7:29 ހާއިރު ކަމަށެވެ.

އަދި ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮޅިދަނޑިއެއް ވެއްޓިފައި ވަނީ ސޯސަން މަގާއި ރޯޝަނީ މަގު ހިމެނޭހެން ހަދަމުންދާ ޓާޓާ ފްލެޓް އިމާރާތުގެ މަތިންނެވެ.