ވެރިފަރާތަށް ޕާސްޕޯޓު ދޫކުރާއިރު އައިޑީ ކާޑު ބޭނުން ނުވާގޮތަށް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
އެގޮތުން އިއްޔެއިން ފެށިގެން އައިޑީ ކާޑު ނުގެނައި ނަމަވެސް ޕާސްޕޯޓު ވެރިފަރާތަށް ދޫކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވިއެވެ.
އެ އިދާރާއިން ވިދާޅުވިގޮތުގައި ނޮން-އިލެކްޓްރޯނިކް އަދި އެމަޖެންސީ ޕާސްޕޯޓު ދޫކުރުމުގައި ވެރިފަރާތުން ޕާސްޕޯޓާއި ހަވާލުވާނަމަ އައިޑީ ކާޑު ކޮންމެހެން ގެންނަން ނުޖެހޭނެއެވެ. އަދި އިލެކްޓްރޯނިކް ޕާސްޕޯޓާއި ހަވާލުވުމަށްވެސް ވެރިފަރާތުން ހާޒިރުވާނަމަ މިހާރު އައިޑީ ކާޑު ކޮންމެހެން ގެންނަން ނުޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އިމިގްރޭޝަނުން ވަނީ 18 އަހަރުނުވާ ކުދިންގެ ބެލެނިވެރިން ކުދިންނާއެކު ޕާސްޕޯޓާއި ހަވާލުވުމަށް ދާއިރު، ހަމައެކަނި އެފަރާތްތަކުގެ އައިޑީ ކާޑުގެ ފޮޓޯއެއް ދެއްކުމުން އައިޑީ ކާޑު ވެރިފައި ކޮށްދޭނެ ކަމަށްވެސް ވިދާޅުވެފައެވެ.
އަދި މަގުބޫލު އުޒުރެއް އޮވެގެން އެހެން ފަރާތަކުން ޕާސްޕޯޓާއި ހަވާލުވާނަމަ އިގުރާރު ސިޓީގައި އެފަރާތެއްގެ އައިޑީ ކާޑުގެ ސިރީއަލް ނަންބަރު ޖަހަންވާނެ ކަމަށާއި އެއަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އައިސް އެފަރާތެއްގެ އައިޑީ ކާޑުގެ ފޮޓޯއެއް ދެއްކުމުން ވެރިފައި ކޮށްދޭނެ ކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ.