ހުޅުމާލޭގައި ދެ ކާރު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ފިލި ކާރު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަން ފުލުހުން ބުނެފިއެވެ.

މިއަދު ހެނދުނު ފުލުހުން ބުނީ ރޭ ހުޅުލާމޭގައި ހިނގި އެކްސިޑެންޓުގެ މައުލޫމާތު އެ މުވައްސަސާއަށް ލިބިފައިވަނީ ރޭ 23:40 އެހާކަންހާއިރު ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަމާލް ދީދީ ސްކޫލް ކައިރިން ކަމަށެވެ.

މީގެއިތުރުން ފުލުހުން ބުނީ އެކްސިޑެންޓުވި އެއް ކާރު ދުއްވަން އިން މީހާ އަތުގައި ލައިސަސްވެސް އޮތް ކަމަށާއި، އެ ކާރުގައި 4 މީހުން ތިބި ކަމަށެވެ.

އަދި އެ ކާރަށް އެކިވަރުގެ ގެއްލުން ލިބުމުގެ އިތުރުން ކާރުގައި ތިބި މީހުންނަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ. ނަމަވެސް އެ އެންމެންވެސް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.

އަދި މަޑުނުކޮށް ގޮސްފައިވާ ކާރު ހޯދުމުގެ އިތުރުން މި އެކްސިޑެންޓު އިތުރަށް ތަހުގީގު ކުރަމުންދާކަަމަށާއި އެ ފިލިކާރު ހޯދުމުގެ މަސައްކަތްތަކަށް އާންމުންގެ އެހީތެރިކަންވެސް ހޯދަން ޖެހިދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.