ދިވެހި ފުލުހުންގެ ހިދުމަތާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގުޅިގެން ކުރިއަށް ގެންދިޔަ ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ޕްރޮގްރާމް ނިންމުމަށް މިއަދު ހަވީރު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ މަހްޒޫމް މާޖިދުއެވެ.
ފުލުހުން ބުނިގޮތުގައި މި ރަސްމިއްޔާތުގައި، ކޮމިއުނިކޭޝަން އެންޑް ޕަބްލިކް އެފެއާޒްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ނަސީރު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ފިރުޝާން އަލީ އަދި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ އެކްޓިންގ ޕަރމަނަންޓް ސެކްރެޓަރީ ފާތިމަތު އަހްމަދު އާއި އެ މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެލެއްވިއެވެ.
މި މަހު 19 އިން 21 އަށް ކުރިއަށް ގެންދިޔަ ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އެކި ޑިޕާޓްމަންޓުތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމުގެ ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ފުލުހުންގެ ޖިދުމަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން ކުރިއަށް ދެވިދާނެ ދާއިރާތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، އެކި ޑިޕާޓްމަންޓުން ކުރަމުންގެންދާ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ތަޖުރިބާ ކުރުމުގެ ފުރުސަތު ޕްރޮގްރާމްގެ ތެރެއިން ފަހިކޮށްދީފައިވެއެވެ.
ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ އަދި ތަފާތު ދާއިރާތަކުން ކުރިއަށް ދެވެންހުރި ރޮނގުތަކާ ބެހޭގޮތުން ޒުވާނުންނަށް މައުލޫމާތު ފޯރުކޮށްދީ އަދި ވަޒީފާގެ މާހައުލާ މެދު ހޭލުންތެރިކުރުމަށް މުއައްސަސާތަކާއި ރިސޯޓު އަދި ތަފާތުއެކި ކުންފުނިތައް ގުޅިގެން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.