އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕުގެ 5 ވަނަ މެޗު ފަސޭހަ ކަމާ އެކު އެފްސީ ބޭރުމަތި ކާމިޔާބު ކޮށްފިއެވެ.

މި މެޗު އެޓީމުން ކާމިޔާބުކުރީ އެފްސީ ޒެފިޔާ އާ ވާދަކޮށް 1-4 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި އެފްސީ ބޭރުމަތީގެ ޝަމްވީލް ޤާސިމް (ބޮންޑާ) ވަނީ ހެޓްރިކް ހަދާފައެވެ.

މެޗުގައި ބޮންޑާގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ 33 ވަނަ މިނެޓުގައެވެ. މި ލަނޑާއެކު ބޭރުމަތި ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ލިބިގެންދިޔައެވެ. އަދި އިތުރު ލަނޑެއް ޖެހުމަށް މަސައްކަތުގެ ރޭޓު މަތިކުރިއެވެ. ނަތީޖާއެއްގެ މެޗުގެ ކުޅުން މެދަށް ހުއްޓާލުމުގެ ކުރިން ބޮންޑާވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. އޭނާގެ މެޗުގެ ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ ކުޅުން ފެށުނުތަނާއެވެ.

ބޭރުމަތި ރަނގަޅަށް ކުޅެމުންދިޔަ މި މެޗުގައި ޒެފިޔާ ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސް ކޮށްފައެވެ. ނަމަވެސް ލިބުނު ފުރުސަތުތައް ނިންމާލެވޭ ގޮތެއް ވަނީ ނުވެފައެވެ.

ޒެފިޔާ ޓީމަށް ސުންކަނޑާލަ ދިނީ އެޓީމުގެ 10 ހަސަން އިރުފާނެވެ. އިރުފާނުގެ މިގޯލާ އެކު، ޒެފިޔާ ޓީމުން މެޗުގެ ނަތީޖާ ބަދަލު ކުރުމަށް ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ބޭރުމަތި ޓީމުގެ ޑިފެންސު ފޫއަޅުވާލައި ގޯލާ ހަމައަށް އިތުރު ހަމަލާއެއް ދެވޭނެ ފުރުސަތެއް ބޭރުމަތީން ނުދިނެވެ.

ބޭރުމަތީ ޓީމުގެ 4 ވަނަ ލަނޑު އެޓީމަށް ޖަހާދީފައިވަނީ ބަދަލު ކުޅުން ތެރިއެއްގެ ގޮތުގައި އެރި، އިބްރާހިމް އާސިފެވެ. ބޭރުމަތި މި މެޗުން މޮޅުވުމުން މިހާތަނަށް އެޓީމު ކުޅުނު ދެމެޗުން ވެސް މޮޅުވެ ވަނީ 6 ޕޮއިންޓް ހޯދައިފައެވެ. ޒެފިޔާ ދެ މެޗުންވެސް ބަލިވެ ޕޮއިންޓެއް ނުލިބި އަމިއްލަ ބާރުގައި ކުރިއަށް ދިއުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. މިމުބާރާތުގައި މާދާމާ ކުޅޭނީ ގްރޫޕް ބީ ގެ ފޭދޫ ސްޕޯޓްސް އާއި މެދުވަލު އެފްސީއެވެ.