ޒަމާންވީ ރައްޓެއްސަކާއެކު ކޮފީއަކަށް ދިޔައީ ބައްދަލުނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ނުހަނު އުފާވެފައި ހުރެއެވެ. ދެމީހުންނަކީވެސް "ބްލެކްކޮފީ ލަވަރސް" ނުވަތަ ކަޅުކޮފީ ނިކަން މީރުވެގެން ބޯ ދެމީހުންނެވެ. ކައިގެން ވެސް ކުޑަކޮފީ ފޮދެއް ނުލިބޭނަމަ އަހަރުމެންގެ ބަނޑު ނުފުރޭކަހަލައެވެ. އެކަމަކު އަހަރެމެން ކޮފީ ބޮނީ ބޮޑު ތަށްޓެއް ފުރެންދެން ގިރައިގެނެއް ނޫނެވެ. ކިރިޔާ ދެކޯވަރެއް ތިން ކޯވަރެއް ހުންނަހާ ކޮފީއަކީ އަހަރެމެންނަށް ބޮޑު ތަށްޓަކާ އެއްފަދައެވެ.
ކޮންމެއަކަސް ކޮފީ ގެނެސްފީމެވެ. އައްދެ ރަހްމަތްތެރިޔާ އާ ކަމެއް ކުރާ ތަން ފެނިއްޖެއެވެ. ކޮފީއާއެކު ލައިމްސްލައިސެސް އޭ ބުނުމުންވެސް އަހަންނަށް ސަމާލު ނުވެވުނީ އޭނަ އެކަހަލަ ކަމެއް ކޮށްފާނެކަމަކަށް އުންމީދު ނުކުރާތީއެވެ.
"ފަލަވަނީ ތިޔަހެނެއް ނޫން، މިހާރު ރީތި ހެނދުންގަނޑެއްވެސް ނުލެވޭ. އެކަމަކު މިހާރު ވަރަށް ބޮޑު ތަން ލުއި ވެއްޖެ. އަދި މިވީ ހަމަ އެންމެ ހަފްތާއެއް، ހީވަނީ މަހެއްހާ ދުވަސް ވާއިރު ހައެއްކަ ކިލޯ ދުއްވާލެވޭނެހެން،"
"އަހަރެން ހަމަ އަޖައިބު ވެއްޖައިން، ތިއޮއް ތަންދޮރު އެނގޭމީހާ ތި ދެއްކިވާހަކަ އަކުން، އެޔަށްވުރެ އަޖައިބު އެ ބޭނުން ކުރާ ވާހަކަ ބުނީމަ،"
ހަމައެކަނި ބުނުމަކުން ރަހްމަތްތެރިޔާގެ ހިތެއް ބަދަލު ނުވާނެކަމާއި ގަބޫލުވެސް ނުކުރާނެކަން އެނގޭތީ ސައްހަކަން ހުރި ފަރާތްތަކުގެ ބަސްތަކާއި ދިރާސާތަކުގެ ނަތީޖާ ދެއްކީމެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި ލުނބޯ އަދި ކޮފީ އަކީވެސް އޭގެ ޒާތުގައި ހަށިގަނޑުން ވަރަށް ބައިވަރު ޓޮކްސިކް ބޭރުކޮށްލަދޭ ދެ ބާވަތެކެވެ. ނަމަވެސް މިއީ "ކޮމްބައިން" ވާ ދޭއްޗެއް ނޫނެވެ. އަދި އެކަތި އަނެކައްޗާ 'އެއް'ކޮށްގެން ބޭނުން ކުރުމަކީ އެއްވެސް ހާލެއްގައި ރައްކާތެރިކަމެއް ނޫންކަމުގައި ޑރ ވަނީ ވިދާޅުވެފައެވެ.
ކަޅުކޮފީއަށް ލުނބޯހުތް އަޅައި، ދެ ބާވަތް އެއްކޮށްގެން ހައިބަނޑާ ހުރެ ބުއިމުން މި ވާ ގޮތަކީ ގޮހޮރުގެ އެތެރެފަށަލައަށް ބަދަލުތަކެއް އައިސް، ކާ ހިތްވާ ވަރު ދަށް ކޮށްލަނީއެވެ. ކާ ހިތް ކެނޑި ނުކައި ހުރުމުން ބަރުދަން ލުއިވެދާނެއވެެ. އެކަމަކު އޭރު މި އޮންނަނީ ބަނޑުހަރުވުން، ގޭހުގެ މައްސަލަތައް، ހަންގަނޑު ކުރަކިވެ ލޯކައިރި ކަޅުވެ، ނުފެނުނަސް ހަންގަނޑުގައި ކުދިރޫ ގިނަވާން ފަށާފައެވެ. ނަތީޖާ ރަނގަޅެއް ނުވިތާއެވެ.
ބަރުދަން ލުއިކޮށްލާނަމޭ ހިތާ ސިއްހަތު ނަގާ އަނދަވަޅަކަށް އެއްލާލީމަ ވާނީ ކިހިނެއް ހެއްޔެވެ.
ކަޅުކޮފީއަށް ލުނބޯ އަޅައިގެން ބުއިމުން ބަރުންދަން ލުއިކުރުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ.
މިގޮތަށް ކޮފީ ބުއިމުން ކާހިތްވުން ދުރުކޮށްލަދިނުމުގެ ނަތީޖާ ގޯހެވެ. ނުކައި ހުރުމުގެ ސަބަބުން ގައިގެ ވަރުދެރަވުމާއި، ހަށިގަނޑަށް ބޭނުންވާ މިނެރަލްސް، ޕްރޮޓީންސް ނުލިބި ބަލިވުން ނުހަނު އަވަސްްވާނެ ކަމަށްވެސް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފައެވެ.
ލުނބޯ ކަޅުކޮފީއަށް އަޅައި އެއްކޮށްގެން ބޭނުންކޮށް، ބަރުދަން ލުއިކުރުމަށްވުރެން، "މިންހަމަ" ކެއުމެއް ހިޔާރު ކުރުން މާ ބުއްދިވެރި ވެފައި ފައިދާ ބޮޑެވެ. އަދި ގަވައިދުން ކޮންމެވެސް އެއް ގަޑިއަކު ކިތަންމެ މަދުވަގުތުކޮޅަކަށް ނަމަވެސް ކަސްރަތެއް ކޮށްލުން ނުވަތަ މޫދަށް ގޮސް ފަތާލުމުން ނޫނީ މޫދުގައި ހަރަކާތްތެރިވެލުމުން ވެސް ފަސޭހަކަމާއެކު ބަރުދަން ލުއިކުރެވޭނެއެވެ.
ބައްޓަން ރީތިކޮށްލުމަށް، ބަރުދަން ލުއިކޮށްލުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެހެންނަމަވެސް "ޝޯޓްކަޓް" "އީޒީވޭ އައުޓް،" ކަންފަސޭހަ ގޮތްތަކާއި އަވަސް ކުރުމުއްދަތެއްގެ ތެރޭގަައި ނަތީޖާ ހޯދުމަށް ކުރެވޭ ކަންތަކުން އަބަދުގެ އަބަދަށް ވޭނުގައި އުޅެން ވެސް ޖެހިދާނެއެވެ. އެހެންކަމުން ބަރުދަން ލުއި ކުރުމަށް ޑޮކްޓަރގެ އިރުޝާދެއް ނެތި، އަދި ހަގީގަތް ނޭނގޭ ފާޑުފާޑުގެ ބުއިންތަކާއި ބޭސްތައް ކަހަލަ ތަކެތި ބޭނުން ކުރުމުން ދުރުހެލިވެ ރައްކާތެރިވުން ބުއްދިވެރިއެވެ.
"ނަސީބެއްނު، ދެނެއް ނުބޯނަން، މާދަމާ ހަވީރު ޑިއުޓީ ނިންމާފަ މޫދަށް ދަމާ،"
ރަހްމަތްތެރިޔާ ލުނބޯ އަޅާފައި ހުރި ކޮފީތަށި ގެންދަން ވެއިޓަރަށް އިޝާރަތްކޮށްލަމުން ބުންޏެވެ. އަދި ދެން ކަޅުކޮފީއަށް އޯޑަރު ކުރުމަށްފަހު، ގެނައުމުން، އަހަރެމެން ހަމަޖެހިލައިގެން ކޮފީ ތަށި ތުބުގައި ޖަައްސާލީ މާދަމާ ހަވީރު މޫދަށްދާން އަޒުމުކަނޑައަޅައި ވައުދުވަމުންނެވެ.
(މައުލޫމާތު: ޑރ މުހައްމަދުއަލީ ވީޑިޔޯސް، ހެލްތުޓިޕްސް، ލޫސްވެއިޓް ރޯނގްޓިޕް،)