އިދިކޮޅު ކޯލިޝަނުން ދަރުބާރުގޭ ކުރިމަތީގައި މިއަދު ކުރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި، ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ދޫނިދުއަށް ގެންގޮސްފި އެވެ.

ފުލުުހުން އަދުރޭ އާއި ޝުޖާއު ހައްޔަރުކޮށްފައިވަނީ ދަރުބާރުގެ ސަރަހައްދު ދޫކޮށް ދިއުމަށް އެންގުމުން އެ އެންގުމަށް އިޖާބަ ނުދިނުމުންނެވެ. ޕީޕީއެމް އިން ބުނީ އެ ދެ ބޭފުޅުން ދޫނިދުއަށް ގެންދިޔައީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ.

މިއަދުގެ މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދިޔައީ އިންޑިއާގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ނުވާތީ ކަށަވަރުނުކޮށް ވެކްސިން ނުޖެހުމަށެވެ. ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ އިސްތިއުފާއަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލާފައިވެ އެވެ.

މިރޭ ވެސް ޕީޕީއެމް، ޕީއެންސީން ވަނީ މުޒާހަރާ ކޮށްފަ އެވެ. މިރޭގެ މުޒާހަރާގައި މައިގަނޑުގޮތެއްގައި ގޮވާލީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދޫކޮށްލުމަށެވެ.

މިރޭގެ މުޒާހަރާ އިން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް ފަހުން ވަނީ ދޫކޮށްލާފަ އެވެ.