ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނާއި އެއާޕޯޓު ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެއިން ދެމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމަހު 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަަތުުރުކުރި ކާރެއް މަޑުކުރަން އެއާޕޯޓު ޕޮލިހުން އެންގުމުން މަޑުނުކޮށް ދިއުމުން އެކާރު ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.

އަދި މި އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް 1 ރީތިގަސްމަގުން އެ ކާރު ހުއްޓުވައި ބަލައި ފާސްކުރި އިރު 53 ފުޅި ބަނގުރާ ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން 56 އަހަރުގެ ދިވެހި ފިރިހެނަކާއި ބިދޭސީ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދިވެހި މީހާ ތިންދުވަހަށް ބަންދުކުރުމަށް އަދި ބިދޭސީ މީހާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރެވެމުންނެވެ.