ކާފު އަތޮޅުގެ ރައީސް މުހައްމަދު ނިމާލު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޕީއެންސީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ވެސް ހުންނެވި ނިމާލު އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކާފު އަތޮޅު ކައުންސިލް އިދާރާ ހުންނަނީ ތުލުސްދޫގައި ކަމަށް ވުމުން ނިމާލުގެ ދިރިއުޅުމުގެ ހާލަތާއި ގުޅިގެން މާލެއިން ބޭރުގައި އުޅެވޭކަށް ނެތްކަން އެމަނިކުފާނު ވަނީ ހާމަ ކުރައްވާފައެވެ.

ކާފު އަތޮޅަށް ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ނިމާލު ވަނީ އަތޮޅު ރައްޔިތުންނަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ކައުންސިލް އިދާރާގެ މުވައްޒިފުންނާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރި ކަމަށް ވެސް ނިމާލު ވަނީ ޝުކުރު އަދާ ކޮށްފައެވެ.

މީގެ ކުރިން ނިމާލް ވަނނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ (އެމްއާރްޑީސީ) މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފައެވެ.