މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ. ފުޅަދޫއަށް މިއަދު ފަށައިފި އެވެ.

މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވެފައިވަނީ ސީޕްލޭން މެދުވެރިކޮސް ބ.ފުޅަދުއަށް ދަތުރު ކުރެވޭ ގޮތް ހެދީ އެ ރަށުގެ ފަތުރުވެރިކަން ފުޅާ ކުރުމަށް ޓަކައި ކަމަށެވެ.

ފުޅަދޫއަށް ހަފްތާއަކު ދެ ދުވަހު ސީޕްލޭންގެ ޒަރިއްްޔާއިން ދަތުރު ކުރެވޭގޮތަށް ތާވަލުކޮށްފައިވެއެވެ. އެއީ އާދިއްތަ އަދި ބުރާސްފަތި ދުވަހު އެވެ. އަދި ފުޅަދުއަށް ކުރާ ދަތުރުތަކުގެ ޑިމާންޑް ބެލުމަށް ފަހު ފްލައިޓްތައް އިތުރު ކުރާނެ ކަމަށްވެސް މޯލްޑިވިއަން އިން ބުނެއެވެ.

އިޔާސް ވިދާޅުވީ އައިއޭއެސްގެ މި އިސްނެގުމުން ދައްކުވައިދެނީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ހިތްވަރުދިނުމަށް އެ ކުންފުނިން ކުރާ ހިދުމަތް ކަމަށެވެ. މި ތައާރަފު ކުރި އައު ދަތުރުތަކާއި އެކު ފަތުރުވެރިންނަށް .އައު ތަޖުރިބާތަކެއް ކުރެވޭނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ބ. ފުޅަދޫއަށް ފަށާފައިވާ މި ދަތުރުތަކާ އެކު ބ. އަތޮޅު ފެހެންދޫ އަދި ގޮއިދޫއަށް ވެސް ދަތުރުކުރާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން ދެކެ އެވެ.